ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ޝާހް މަހުމޫދު ގުރައިޝީ ރާއްޖެ އާއި ލަންކާއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު ސަލާމަތީ ސަބަބުތަކަށް ޓަކައި ކެންސަލްކޮށްފި އެވެ.

މިނިސްޓަރު ގުރައިޝީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި ޖެހިގެން އަންނަ މި މަހުގެ ތިން ވަނަ ދުވަހު ލަންކާއަށް އެމަނިކުފާނު ދަތުރު ކުރައް ވަން އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް، ޕާކިސްތާނުގެ ނޫސްތަކުން ބުނީ، ގުރައިޝީގެ ދަތުރުފުޅު ކެންސަލް ކުރަން ނިންމެވީ، މި މަހުގެ 12 ވަނަ ދުވަހު ލަންކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ކަމަށެވެ. އަދި އެ ހަމަލާތަކަށް ފަހު ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކެއް އޮތް ކަމަށް ޕާކިސްތާނުގެ ސަލާމަތީ އިދާރާތަކަށް ގަބޫލު ކުރެވިފައިވާ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.

ލަންކާއަށް ދިން ހަމަލާތަކަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައިވާ ކަމަށް ސިފައިންނާއި ފުލުހުން ބުނެފައިވެ އެވެ. މީގެ އިތުރުން، އިމިގްރޭޝަނުން ވަނީ ވިސާގެ ކަންކަން ވެސް ހަރުކަށިކޮށްފަ އެވެ. އެގޮތުން، މިފަހަރު ރާއްޖެ އަންނަ ހާފިޒުން މިހާރަށް ވުރެ ބޮޑަށް މޮނީޓާކޮށް އެ މީހުންނަށް ހާއްސަ ވިސާއެއް ދޫކުރަން އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ.