20 Oct 2011, 15:43
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ [ސްޓެލްކޯ] އަށް މާލެ އިން ކުއްޔަށް ދޫކޮށްފައިވާ ދައުލަތުގެ ހަތަރު ބިމެއް 99 އަހަރަށް ކުއްޔަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ކެބިނެޓުން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައިވާ ގޮތުގައި މާލެ އިން ސްޓެލްކޯ އަށް ދޫކޮށްފައިވާ ބިންތައް ފުރަތަމަ 10 އަހަރަށް ކުއްޔަށް ދޫކުރާނީ އަކަފޫޓަކަށް ދިހަ ލާރި ނަގާ ގޮތަށެވެ. އަދި އޭގެ ފަހުން ސަރުކާރާ އެ ކުންފުންޏާ ދެމެދު އެއްބަސްވެވޭ ރޭޓަކަށެވެ.
ނުވަދިހަ ނުވަ އަހަރަށް ސްޓެލްކޯ އަށް ކުއްޔަށް ދެނީ ބޮޑުތަކުރުފާނު މަގާ އިންވެ، އުތުރުން ފެންމީރު ހިނގުމާ އިންވެ، ދެކުނުން ހުރި ޕަވާ ޕްލާންޓާއި ޑިސެލިނޭޝަން ޕްލާންޓް ހުރި 96،044 އަކަފޫޓުގެ ބިމާއި ދޮންއަދަރާދަ ހިނގުމާ އިންވެގެން އިރުން، ފެންމީރު ހިނގުމާ އިންވެ، ދެކުނުން އޮތް 16،815 އަކަފޫޓުގެ ބިމާއި ބޮޑުތަކުރުފާނު މަގާ އިންވެ، އުތުރު އަދި ދެކުނުން އޮތް 17،021 އަކަފޫޓުގެ ބިމުގެ އިތުރުން އަމީނީމަގުގެ ދެކުނުން ފެންމީރު ހިނގުމާ އިންވެ، އުތުރުން ސްޓެލްކޯގެ ހެޑް އޮފީސް ހުރި 349 ނަންބަރު ކޮށި އެވެ.