ޖަލުތަކުގައި ހުރި މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޓީއިން އެކުލަވާލި އޮޑިޓް ރިޕޯޓް މި މަސް ނިމުމުގެ ކުރިން ހޯމް މިނިސްޓްރީއިން އާންމު ކުރަން ނިންމައިފި އެވެ.

ޖަލުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ ކަންކަން އިސްލާހު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނޭ ގޮތުން ކޮމިޓީއިން އެކުލަވާލި 400 ސޮފްހާގެ ރިޕޯޓް ނިންމައި މިނިސްޓަރަށް އަރުވާފައި ވަނީ، މިދިޔަ އެޕްރީލް މަހު އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާާޅުވީ އެ ރިޕޯޓް އާންމު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ނިންމަވާފައި ކަމަށެވެ. އަދި އެ ރިޕޯޓް އާންމު ކުރުމުގެ ކުރިން އެ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތައް ދެނެ ގަނެ، އެ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރިޕޯޓް މި މަހުގެ ފަހުކޮޅު އާންމު ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގައިދީން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ، މާލެ ޖަލު އެނެކްސް-1 މި ފަހުން ބަންދުކޮށް އެތަނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އިން ވަނީ ފަށައިފަ އެވެ.

ޖަލުތަކުގައި މީހުން ގިނަވެ އަދި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން، ގައިދީންގެ ތެރޭގައި ތަފާތު ބަލިތައް ފެތުރުން އާންމުވުމުގެ ޝަކުވާ ބޮޑެވެ. ހާއްސަ ގޮތެއްގައި ހަމުގެ ބަލިތަކެވެ. އަދި ޖަލުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ނުލިބުމުގެ ޝަކުވާ ވެސް ބޮޑެވެ.

ޖަލު އޮޑިޓެއް ތައްޔާރުކޮށް ޖަލުގައި ހުރި މައްސަލަތައް ހަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.