04 May 2019, 13:35
އިމިގްރޭޝަން ޑިޕާޓްމަންޓާ ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރި އެ އިދާރާގެ ދެ ވެރިންގެ ތެރެއިން މިހާރު ސަސްޕެންޝަންގައި ހުންނެވީ އެންމެ ބޭފުޅެއް ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
ސިވިލްސާވިސް ކޮމިޝަން، ސީއެސްސީއިން ބަލަމުން އަންނަ މައްސަލައެއްގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަސްޕެންޑްކުރީ އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދު އަދި އިމިގްރޭޝަންގެ ޒިންމާދާރުވެރިޔަކަށް ހުންނެވި، ހާމިދު ފަތުހުﷲ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ، މުހައްމަދު އަހުމަދު ހުސައިން، ހަނަފީ މިއަދު ވިދާޅުވީ އެ އިދާރާގެ އެދުމުގެ މަތިން ސީއެސްސީއިން ފެށި ތަހުގީގުގައި މިވަގުތު ސަސްޕެންޑްކޮށްފައި ހުރީ ހާމިދު ފަތުހުﷲ އެކަނި ކަމަށެވެ. އަދި އޭނާގެ ސަސްޕެންޝަން ތަހުގީގު ނިމެންދެން އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެސިސްޓެންޓް ކޮންޓްރޯލާ އަބްދުﷲ ވަހީދުގެ ސަސްޕެންޝަން ސީއެސްސީއިން އުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދެބޭފުޅުން ވެސް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މަސްދުވަހަށެވެ. ހާމިދުގެ ބަދަލުގައި އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާގެ މަގާމަށް މިހާރު ހަމަޖައްސާފައި ވަނީ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީ އެ އިދާރާ ހަވާލުވުމަށް ފަހު ވިދާޅުވެފައި ވަނީ، އިމިގްރޭޝަންގެ ތެރޭގައި ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިތުރުވުމުގައި ވެސް އެ އިދާރާގެ އިހުމާލު އެބަ އޮތް ކަމަށެވެ. އަދި އެކަންކަން ތަހުގީގުކޮށް ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ ގެންނަ ބިދޭސީންގެ ކަންކަން މީގެ ކުރިން އިމިގްރޭޝަނުން ކުރި ނަމަވެސް، އިމިގްރޭޝަނުން މިހާރު ކުރާ ކަމަކީ ވޯކް ވިސާ ދޫކުރުމުގެ މަސައްކަތް އެކަންޏެވެ.