އިސްތަންބޫލް (މެއި 4): އަންނަ ހޯމަ ދުވަހު ފެށޭ ރޯދަމަހާ ދިމާކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެގައުމުގެ އެންމެ ބޮޑު މިސްކިތް އިއްޔެ ހުޅުވައިދެއްވައިފި އެވެ.

އިސްތަންބޫލުގައި ބިނާކޮށްފައިވާ ކަމްލިކާ މޮސްކް ކޮމްޕްލެކްސް އިމާރާތް ކުރުން ފެށީ 2013 ވަނަ އަހަރެވެ. އަދި އެ މިސްކިތުގައި އެއް ފަހަރާ 63،000 މީހުންނަށް ތިބެވޭނެ އެވެ.

އެއާ އަޅާ ބަލާ އިރު މީގެ ކުރިން ތުރުކީގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ފާހަގަކޮށްފައިވާ ސަބަންސީ ސެންޓްރަލް މޮސްކުގައި އެއް ފަހަރާ ތިބެވެނީ 28،500 މީހުންނަށެވެ. އެއީ 1998 ވަނަ އަހަރު ހުޅުވި މިސްކިތެކެވެ.

ރޯދަމަހާ ދިމާކޮށް ތުރުކީން ވަނީ އެގައުމުގެ އެންމެ ބޮޑު މިސްކިތް ހުޅުވާފައި -- ފޮޓޯ: އޭޕީ

އިއްޔެ މިސްކިތް ހުޅުވާދެއްވަމުން އުރުދުޣާން ވަނީ އަޅުކަން ކުރާ ތަންތަނަށް ދޭ ހަމަލާތައް ކުށްވެރި ކުރައްވައިފަ އެވެ.

"އަޅުކަންކުރާ ތަންތަނަށް ނުވަތަ ކުށެއް ނެތް އާއްމުންނަށް ދީނުގެ ނަމުގައިދޭ ހަމަލާތަކަކީ ޖިހާދުވުމެއް ނޫން، އެއީ ޓެރަރިޒަމް،" އުރުދުޣާން ވިދާޅުވި އެވެ.

އެމިސްކިތް ހުންނަ އިމާރާތުގައި ތުރުކީގެ އިސްލާމިކް އާޓަށް ހާއްސަކޮށްފައިވާ ދާރުލްއާސާރަކާއި ލައިބްރަރީއަކާއި ގެލެރީއަކާއި ކޮންފަރެންސް ހޯލަކާއި ވޯކްޝޮޕްތައް ވެސް ހިމެނެ އެވެ.