04 May 2019, 12:06
ފެހި ފެހި ދަނޑުތަކުން ފުރާލާފައިވާ އއ. ތޮއްޑޫއަކީ ރޯދަ މަހު ކޮންމެ ގެއެއްގެވެސް ސުފުރާތަކުގެ ރަހަ ހެޔޮވަރުކޮށްދިނުމުގެ ފަހަތުގައިވާ މުހިންމު ބައިވެރިއެކެވެ. އެ ރަށުގެ ދަނޑުބިންތަކުގައި ނުހައްދާ މޭވާ، ތަރުކާރީ އަދި ފަލަމަޑީގެ ބާވަތެއް މަދުވާނެއެވެ. ކަރާއާއި ދަނޑިއަލުވިން ފެށިގެން ގޮސް ބައްޓާއި ޗިޗަންޑާއަށް ދަންދެނެވެ.
ހޯމަ ދުވަހު ފަށާ މި އަހަރުގެ ރޯދަމަހަށް، އއ. ތޮއްޑޫގެ ދަނޑުވެރިން ދުރާލައި ތައްޔާރުވާން ފެށިއެވެ. އަދި ވަރަށް އިންސާފުވެރި، ހަމަހަމަ އުސޫލެއްގެ ދަށުން ރަށުގެ ދަނޑުބިންތައް ދޫކުރިއެވެ.
"ރޯދައާ ދިމާކޮށް 117 ދަނޑު ދޫކުރިން. ގެއެއްގައި ތިބޭ މީހުންގެ އަދަދަށް ބަލާފައި، ކޮންމެ މީހަކަށް 100 ފޫޓު 10 ފޫޓުގެ މަގުން. މީހުން އިތުރުވާ ވަރަކަށް 10 ފޫޓު އިތުރުވާނެ،" ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ތޮއްޑޫގެ ދަނޑުވެރިން މަސައްކަތުގުގައި--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ
ދަނޑުވެރިކަމަށް 117 ދޫކޮށް، ބާކީ ހުރި ދަނޑުތައް ނީލަންވެސް ކިއެވެ.
ތޮއްޑޫގެ ދަނޑުވެރިން މި އަހަރުގެ ރަމަޟާން މަހަށްވެސް ކުރާ އުންމީދުތައް ވަރަށް ފޮންޏެވެ. އެ އުންމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި އެމީހުން ބުރަ މަސައްކަތްތަކެއް ކޮށް، އަދި މިހާރުވެސް ދަނީ ކުރަމުންނެވެ.
ތޮއްޑޫގެ ދަނޑުވެރިއެއް ކަމުގައިވާ އަލީ އިބްރާހިމް ބުނީ މި އަހަރު އޭނާއަށް ލިބުނު 30،000 އަކަފޫޓުގެ ދަނޑުގައި ދޮންކެޔޮ، އަލަ، ދަނޑިއަލުވި އަދި ތަފާތު ފަތްތައް ހައްދަމުންދާ ކަމަށެވެ.
"ރޯދަ އައުމުގެ ހަ މަސް ކުރިން ދަނޑުގެ މަސައްކަތް ފަށައިފިން. ދަނޑިއަލުވި ކަހަލަ އެއްޗެހި ނަގާ އަޑިއަށް ފައިބަންވެސް ދެ މަސް ވަރު. ދޮޅު ފޫޓު އަޑިއަށް ކޮނެފައި މި އިންދަނީ،"
އަލީ ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ތަރުކާރީއާ މޭވާ ބޭރުކުރެވޭ ވަރު އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. މިދިޔަ އަހަރު އޭނާ މާރުކޭޓަށް 1،000 ކިލޯގެ ކައްޓަލައާއި އަލަ ބޭރުކުރި އިރު، މި އަހަރު އޭނާ އަމާޒުކުރަނީ އެ އަދަދު ތިންގުނަ ކުރާށެވެ.
ތޮއްޑޫގެ އެހެން ދަނޑެއްގައި، ހަސަން ރަޝީދު ގެންދަނީ ފަޅޯ، ކަރާ، ކިއުކަންބާ، ބަށި، ކޮޕީފަތް އަދި ޗިޗަންޑާ ފަދަ ތަކެތި ހައްދަމުންނެވެ.
ހަތަރުހާސް އަކަﷲޫޓުގެ ދަނޑުބިމެއްގައި ހަސަން ރަޝީދު ދަނޑު ހައްދަމުން ދަނީ އޭނާގެ ހަތަރު ބޭބެއާއި، ކޮއްކޮގެ އިތުރުން މަސައްކަތު މީހެއް ގޮވައިގެންނެވެ.
"އުންމީދު ކުރަނީ 5،000 ކިލޯގެ ތަރުކާރީއާ މޭވޭ ފޮނުވޭވަރުވާނެހެން މާރުކޭޓަށް" ރަޝީދު ކިޔައިދިނެވެ.

ތޮއްޑޫގެ ކަރާ ދަނޑެއްގައިއިން ކަރައެއް--
މީގެ ތިން މަސް ކުރިން ދަނޑުގެ މަސައްކަތް ފެށި މުހައްމަދު ރަޝީދުވެސް އޭނާގެ މޭވާ އަދި ތަރުކާރީ ދަނޑުތަކުގެ މަސައްކަތް ކުރަމުންދާ އިރު، އޭގެ އިތުރުން ރަށުގެ އެކި މީހުންގެ ރުއްތަކުން ކުރުނބާ އަޅައި ބާޒާރަށް ނެރުމުގެ މަސައްކަތްވެސް އޭނާ ދަނީ ކުރަމުންނެވެ.

ތޮއްޑޫގެ ފަޅޯ ދަނޑެެއް---ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ
"ހަފްތާއަކު ލަފާކުރެވޭ 600 ކިލޯގެ ކިއުކަންބާއާއި 200 ކިލޯގެ ކުރުނބާ ބާޒާރަށް ނެރެވޭނެހެން،" މުހައްމަދު ރަޝީދު ބުންޏެވެ.
ރޯދައަށް ފައްކާ ކޮށްފައިވާ ދަނޑުތަކާ މެދު ތޮއްޑޫގެ ދަނޑުވެރިންގެ އުންމީދުތައް މިއަހަރުވެސް ކިތަންމެހާވެސް ފޮންޏެވެ. ދަނޑުވެރިން ކުރި ބުރަ މަސައްކަތުގެ އަގު އެމީހުންނަަށް ލިބޭނެކަމުގެ އުންމީދުވެސް ވަރަށް ބޮޑެވެ. ތޮއްޑޫގެ ދަނޑުތައް ފެންނަނީ ވަރަށް ރީތިކޮށެވެ.

ތޮއްޑޫގެ ކަރާ ދަނޑެެއް---ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ
"ރޯދަމަަހަށް މިރަށުން ބަރާބަރަަށް މޭވާއާއި ތަރުކާރީ ނެރެވޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ. މިރަށުން ކޮންމެ ރެއަކުވެސް 100 ފޫޓުގެ ފަސް ދޯނީގައި އެތަކެތި ބާޒާރަށް ނެރޭނެ،" ތޮއްޑޫގެ ދަނޑުވެރިއަކު ބުންޏެވެ.