04 May 2019, 11:05
ކޮލޮމްބޯ (މެއި 4): ސްރީލަންކާގައި މިދިޔަ މަހުގެ 21ގައި ބޮމުގެ ހަމަލާތައް ދިން ނެޝަނަލް ތައުހީދު ޖަމާއަތުގެ ފައިނޭންސް މެނޭޖަރު އެގައުމުން ހައްޔަރުކޮށްފިއެވެ.
އުމުރުން 40 އަހަރުގެ އަބްދުއްސައްތާރު މުހައްމަދު ކިޔާ އެމީހާ ހައްޔަރުކުރި އިރު އޭނާގެ އަތުން 200އަށް ވުރެ ގިނަ ބޭންކް ސްލިޕް ފެނިފައި ވެއެވެ. ދެހާސް ސަތާރަވަނަ އަހަރުގެ ފަހުން ކޮށްފައިވާ އެ ހަރަދުތަކުގެ އަގު 10 މިލިއަން ރުޕީސް (144،555 ޑޮލަރު)އަށް އަރައެވެ.
އޭގެ އިތުރުން އޭނާގެ ގެއިން ދެ އައިޑީކާޑާއި އައިސިސްގެ މެމްބަރެއް ކަމަށް ބުނާ މީހެއްގެ އޯޑިއޯ މެސެޖެއް ފެނިފައި ވެއެވެ. އެ މެސެޖުގައި ވަނީ އީސްޓާ ސަންޑޭގެ ހަމަލާތަކަށް ފަހު އެޖަމާއަތުގެ މެމްބަރުން އެލާޓުގައި ތިބުމަށް އަންގާފައެވެ. އަދި އައިސިސްއާ ގުޅުން ހުރި ވީޑިއޯތަކާއި ލަންކާގައި ދިން ހަމަލާތަކުގެ ވީޑިއޯތައްވެސް އެމީހާގެ ގެއިން ވަނީ ހޯދާފައެވެ.
ލަންކާގެ ހޮޓެލްތަކަށާއި ފައްޅިތަކަކަށް އަމާޒުކޮށް ދިން ހަމަލާގައި 250އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އެ ހަމަލާތަކުގައި އަމިއްލައަށް މަރުވެގެން ބޮން ގޮއްވާލި މީހުންގެ ތެރޭގައި އެންޓީޖޭގެ ލީޑާރު ޒަހްރާން ހާޝިމްވެސް ހިމެނޭ ކަމަށް އެގައުމުގެ ފުލުހުން ބުނެފައި ވެއެވެ.
އެ ހަމަލާތަކާ ގުޅިގެން އައިއެސްއިން ނެރުނު ވީޑިއޯއެއްގައި އެޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ ވަނީ ލަންކާގައި ބޮން ގޮއްވާލީ، ސީރިއާގައި އައިއެސްއިން ހިފާފައި އޮތް ބާޣޫޒްގެ ކޮންޓްރޯލު އަތުލުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެފައެވެ.