ދާކާ (މޭ 4) : ސޫރިޔާއާއި އިރާގުގައި ހަރަކާތްތެރިވި އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށްދިޔަ ބަންގްލަދޭޝްގެ ހަރުކަށި މީހުން އެނބުރި ގައުމަށް އައުމުގެ ފުރްސަތު ދެވެން ނޯންނާނެ އެގައުމުގެ ހާރިޖީ ވަޒީރު ޢަބްދުލްމުއްމިން ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ޢަބްދުލް މޫމިން ވިދާޅުވީ އެމީހުންނަކީ ބަންގްލަދޭޝްގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާނެ ބައެއްކަން ޔަގީންވާތީ އެމީހުންގެ ރައްވެހިކަން ބާތިލްކުރުމާމެދު ބަންގްލަދޭޝްގެ ސަރުކާރުން ވިސްނަމުންދާ ކަމުގަ އެވެ. ގައުމުގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާނެކަމަށް ބެލެވޭ މީހުން ގައުމަށް އައުމުގެ ފުރްސަތު ނުދެވޭނެ ގާނޫނީ ހުއްޖަތްތައް އެބަހުރިކަމަށާ އެފަދަ މީހުންގެ ރައްވެހިކަން އުވާލުމުގެ ބާރު ގާނޫނުތަކުން ސަރުކާރަށް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިއެސް ޖަމާއަތާ ގުޅުނު ބަންގްލަދޭޝް ދަރިކޮޅުގެ އިނގިރޭސިވިލާތުގެ ޒުވާން އަންހެނެއް ކަމަށްވާ ޝަމީމާ ބޭގަމްގެ ރަށްވެހިކަން އިނގިރޭސި ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ބާތިލުކޮށްފަ އެވެ. އައިއެސް އިން ޖިހާދުގެ ނަމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ހިންގި ދީނީ ޕްރޮޕަގެންޑާތަކުގެ ދަލުގައި ޖެހިގެން ޖިހާދުގެ ނަމުގައި ޝަމިމާ ބޭގަމް ސޫރިޔާއަށް ގޮސް އައިއެސްގެ ހަނގުރާމަވެރިންގެ ދެ މީހުންނާ އިނދެ ތިންކުދިން ވިހާފައިވާއިރު އެތިން ކުދިންވެސްވަނީ ހައިހޫނުކަމާއި ބަލިމަޑުކަމުގައި މަރުވެފަ އެވެ. އަދި އޭނާގެ ފުރަތަމަ ފިރިމީހާއާއި ދެވަނަ ފިރިމީހާ ވެސް ވަނީ ހަނގުރާމައިގާ މަރުވެފަ އެވެ.

ސޫރިޔާގައި އައިއެސް ބަލިކޮށް އިނދަޖައްސާލުމާއެކު ހާލުގައި ޖެހިފައިވާ ޝަމީމާ ބޭގަމްވަނީ ސޫރިޔާ ދޫކޮށް އެނބުރި އޭނާގެ ގައުމަށް ކަމަށްވާ އިނގިރޭސިވިލާތަށް ނޫނީ ބަންގްލަދޭޝް އަށް ދާން ބޭނުންވާކަން ހާމަކޮށްފަ އެވެ. ގައުމެއްގެ ރައްޔިތެއްގެ ރަށްވެހިކަމުގެ ހައްގު ނުގުޅައިގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުގައި މަނާކަމެއް ކަމަށް ވިޔަސް ވަރަށް ގިނަ ގައުމުތަކުން އެކި ސަބަބުތަކާގުޅިގެން އެކަން ކުރެ އެވެ.

އިނގިރޭސިވިލާތުން ޝަމީމާގެ ރައްވެހިކަމުގެ ހައްގު ނިގުޅައިގަތީ އޭނާއަކީ އިނގިރޭސި މުޖްތަމައަށް ނުރައްކާތެރި މީހެއްކަމަށް ނިންމައިގެން އެކަމަށް ސަބަބުތަކެއް ދައްކައިގެންނެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ވަނީ ޝަމީމާއަށް ބަންގްލަދޭޝްގައި ޖާގަނެތް ކަމަށާއި އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

އެެހެން ގައުމުތަކުންވެސް އެގައުމުތަކަށް ނިސްބަތްވާ އައިއެސްގެ މީހުން އެގައުމުތަކަށް އަނބުރައި ދިޔުން މަނާކޮށް އެމީހުންގެ ރައްވެހިކަން ބާތިލްކުރަނީ އެމީހުންގެ ނުރައްކާތެރިކަން ބޮޑުކަމުންނާއި އެމީހުންގެ ސިކުނޑި ހަރުކަށި ވިސްނުމުން ދޮވެލާފައިވާތީ ބޮންގޮއްވަފާނެ ކަމުގެ ބިރު ނޫނީ ހަރުކަށި ވިސްނުން ފަތުރަފާނެ ކަމުގެ ބިރު އިންތިހާއަށް އޮތުމުންނެވެ.

އިނގިރޭސިވިލާތް ދޫކޮށް އައިއެސް އާ ގުޅުމަށް ޝަމީމާ ބޭގަމް ސޫރިޔާއަށް ދިޔައީ އާއިލާއަށް ފިލައިގެން 2015 ވަނަ އަހަރުގަ އެވެ. އޭރު އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. މިހާރު ޒުވާން ޝަމީމާ ދިރިއުޅެނީ ސޫރިޔާގައި ހަތްދިހަ ހާހެއްހާ ރެފިއުޖީން ދިރިއުޅޭ ވަގުތީ ފޭލިގެއެއްގައި ވަރަށް ދަތިހާލުގައެވެ. އެއީ ހަނަފަސް ސަހަރާގެ ތެރޭގައި ހުންނަ އިންސާނުން ދިރިއުޅެވޭފަދަ ވަސީލަތްތައްނެތް ތޮއްޖެހިފައިވާ ވަރަށް ދެރަވަރުގެ ތަނެކެވެ.

ހޫނުގަދަކަމުންނާއި ބޭސް ފަރުވާއާއި ކާބޯތަކެއްޗާއި ފެންފަދަ އަސާސީ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގައި އެތަނުގައި ދިރިއުޅޭ ކުޑަކުދިންނާއި އަންހެނުން ދަނީ ގިނަ އަދަކަށް މަރުވަމުންނެވެ. މިފަދަ "ތަހުޒީބު" ޒަމާނުގައި އައިއެސްގެ ހަނގުރާމަވެރިންގެ އަނބިދަރިން ތިބޭ ރެފިއުޖީ ކޭންޕުން ފެންނަމުންދަނީ ވަރަށް ހިއްދަތި ލާއިންސާނީ މަންޒަރެއްކަމަށް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)