20 Oct 2011, 15:29
ފުވައްމުލަކު ފައުންޑޭޝަން ސްކޫލާ ބެހޭގޮތުން ދިގުވާނޑު ކައުންސިލުން އާންމުކޮށްފައިވާ ރިޕޯޓާއި ފޮޓޯތަކަކީ ސްކޫލްގެ ތަސައްވުރު ވަކިގޮތަކަށް އަނބުރާލައި ވަކި ގޮތެއް ދައްކަން ކައުންސިލްގެ ރައީސް ބޭނުންފުޅުވާތީ އާންމުކޮށްފައިވާ ހަގީގަތާއި ހިލާފު ފޮޓޯތަކަކާއި ރިޕޯޓެއް ކަމަށް ފައުންޑޭޝަން ސްކޫލުން ބުނެފިއެވެ. ކައުންސިލުން ފައުންޑޭޝަން ސްކޫލާ ބެހޭ ގޮތުން ނެރުނު ރިޕޯޓާ ގުޅިގެން އެ މައްސަލަ ހޫނުވެފައެވެ.
ފައުންޑޭޝަން ސްކޫލަކީ ކިޔަވައިދޭން އެކަށީގެން ނުވާތަނެއް ކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކޮށް ސްކޫލްގެ މަސްއޫލުވެރިޔާ އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ހަސަން އަށް ފޮނުވި ސިޓީއަށް ޖަވާބުދީ، އެ ސްކޫލުން ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސްކޫލްގެ ފޮޓޯތަކެއްކަމަށް ބުނެ ކައުންސިލުން އާންމުކުރި ފޮޓޯތަކަކީ ހަގީގަތާއި ހިލާފަށް ހިމަނާފައިވާ ފޮޓޯތަކެއް ކަމަށެވެ. އަދި އެ ފޮތޯތަކަކީ ސްކޫލްގެ ތަސައްވުރު ވަކިގޮތަކަށް ދައްކުވަން އާންމުކޮށްފައިވާ ފޮޓޯތަކެއް ކަމަށްވެސް އެ ސިޓީގައިވެއެވެ.
ސިޓީގެ ކޮޕީއެއް ސަންއަށް ވަނީ ލިބިފަ އެވެ. އަދި އެ ސިޓީގައި ވެއެވެ: "... މަނިކުފާނުގެ ސިޓީގައި ސްކޫލްގެ ފާހާނާގެ ހާލަތު ދައްކައިދޭ ފޮޓޯއެއްގެ ގޮތުގައި އެޅިގަލުން ރާނައި ސިމެންތި ނުޖަހައި ހުރި ފާރަކާއި، ކާށިތަކާއި، ބައެއް ކުނިބުނި ހިމެނޭ ފޮޓޯއެއް ހިމަނުއްވައިފައިވާކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި އެ ފޮޓޯތަކަކީ މަނިކުފާނު ސްކޫލުގެ ތަސައްވުރު ވަކިގޮތަކަށް ދައްކަވަން ބޭނުންފުޅުވާތީ ހަގީގަތާއި ހިލާފަށް ހިމަނުއްވައިފައިވާ ފޮޓޯއެކޭ ދެންނެވުން ފިޔަވައި އިތުރު އެއްޗެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ،" ސިޓީގައި ވެއެވެ.
ސިޓީގައި ބުނަނީ ސްކޫލްގެ އިމާރާތަށް ގެއްލުންދީ އަދި ހަޑިހުތުރު އިބާރާތްތަށް އިމާރާތުގެ އެކިއެކިތަންތަނުގައި ލިޔުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކޮށްފައިވާ އިރު ވެސް އެ ސްކޫލްގެ އިންފްރާސްޓްރަކްޗާ ހަރަދަނާކޮށް ދަރިވަރުންނަށް ބޭނުންކުރެވޭފަދަ ހާލަތެއްގައި ބަހައްޓަން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ސްކޫލް އިތުރަށް ތަރައްގީކޮށް ގައުމީ ފެންވަރުގެ ތައުލީމީ އިދާރާއަކަށް ހެދުމަށް ޕްލޭނެއް އެކުލަވާލެވިފައިވާކަމަށާއި އެ ޕްލޭންގެ ދަށުން ސްކޫލްގެ އިންފްރާސްޓަރަކްޗާ ތަރައްގީ ކުރަން މިއަހަރު ހާއްސަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ސްކޫލްގެ ބެލެނިވެރިން ހެކިވާނެ ކަމަށެވެ.
" ސްކޫލްގެ ސްކޫލްގެ އިންފްރާސްޓަރަކްޗާ ތަރައްގީ ކުރަން މިއަހަރު ހާއްސަ މަސައްކަތްތަކެއް ކުރެވިފައި ވޭ. ބެލެނިވެރިން މިކަންކަމަށް ހެކިވެވަޑައިގަންނަވާނެ. އަދި އަންނަ އަހަރު ފެށެންވާއިރަށް މިހާރަށްވުރެވެސް ހާލަތު ރަނގަޅުކުރަން އިތުރު ހަރަދާއި މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ،" އެ ސިޓީގައިވެއެވެ.
އެ ސްކޫލްގައި ސަރުކާރު ސްކޫލްތަކުގެ ފާހާނާތަކާއި އެއް ފެންވަރެއްގެ ހަތަރު ފާހާނާ އެ ސްކޫލްގައި ހުންނާނެކަމަށާއި އަދި އެ ދުވަސްވަރަކު ބޭނުންވަރަކަށް ފާހާނާތައް ހުޅުވައި ބެނުންކުރުމަކީ މެނޭޖުމަންޓުގެ އިހުތިޔާރުގައިވާކަމެއްކަމަށްވެސް އެ ސިޓީގައިވެއެވެ.
ދިގުވާނޑު ކައުންސިލުގެ ރިޕޯޓްގައި ތަނުގެ މުވައްޒަފުންގެ އަދަދާ ބެހޭ ގޮތުން ހިމަނާފައިވާ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
ދިގުވާނޑު ކައުންސިލުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ފައުންޑޭޝަން ސްކޫލަކީ ތުއްތުކުދިންގެ ތައުލީމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެކަންކަން އިސްލާހު ނުކޮށް އަންނަ އަހަރު އެ ސްކޫލްގައި ކިޔަވައި ނުދިނުމަށް ސްކޫލްގެ މަސްއޫލުވެރިޔާއަށް އަންގާ ކަމަށެވެ.
"... އެ ސްކޫލަކީ ތުއްތުކުދިން ތައުލީމު އުނގެނުމަށްޓަކައި ވަގުތު ހޭދަކުރުމަށް އެކަށީގެންވާ ތަނެއްނޫނެވެ. މިތަނުގެ މާހައުލު އޮތް ގޮތުން ތުއްތުކުދިންތަކެއްގެ އަދަބު އަހުލާގަށް ނޭދެވޭ އަސަރު ކުރުމާއިއެކު ސިއްހީގޮތުން ގިނަގުނަ މައްސަލަތަކަކާއި ކުރިމަތިވާނެކަމުގައި ގަބޫލުކުރެވެއެވެ،" ކައުންސިލުގެ ސިޓީގައި ވެއެވެ.