04 May 2019, 09:54
ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު ނިންމާލުމަށް ފަހު ކޯޗެއްގެ ގޮތުގައި ފެނުމާ ގާތް ކަަމަށް އޭނާ ބުނެފި އެވެ.
މީގެ ކުރިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ރޮނާލްޑޯ ހޯދާފައިވާ އިރު އޭނާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އޭނާ ފުޓުބޯޅާގައި ހޯދާފައިވާ ބޮޑެތި ކާމިޔާބުތަކަކީ އެކަން ރަމްޒު ކޮށްދޭނެ ހެކިތެކެވެ. ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގު ވެސް އޭނާ ވަނީ ފަސް ފަހަރު ހޯދައިފަ އެވެ.
ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބަން އިން ވިދާލި ރޮނާލްޑޯ ދުނިޔޭގެ މަޝްހޫރުކަން ހޯދީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގައި ދެއްކި މޮޅު ކުޅުމުންނެވެ. އޭނާ އެ ކުލަބާ އެކު ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި ލީގުވެސް އެތަކެއް ފަހަރު ވަނީ ހޯދައިފ އެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކުލަބުގައި ހުރެ އިނގިރޭސި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޯދުމުގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފަ އެވެ.
ޔުނައިޓެޑާ އެކު މޮޅު ކުޅުމެއް ދެއްކުމަށްފަހު ރޮނާލްޑޯ ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. އެހިސާބުން އޭނާގެ ލެވެލް އިތުރަށް މައްޗަށް ޖެހި ތާރީހުގެ ވެސް އެންމެ މޮޅެތި ކުޅުންތެރިންނާއި އޭނާ އަޅާ ކިޔަން ފެށުނެވެ. ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާ އެކު އެތަކެއް ރެކޯޑުތައް މުގުރާލައިފަ އެވެ. ރެއާލާ އެކު ރަން އަހަރުތަކެއް ހޭދަ ކުރުމަށް ފަހު އޭނާ ވަނީ މިހާރު ކުރިއަށް މިދާ ސީޒަނުގައި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.
އޭނާ ޔުވެންޓަސްގައި މަޑު ކުރުމަށް އެއްބަސްވީ 2022 ވަނަ ސީޒަނުގެ ނިޔަލަށެވެ. އެއަށް ފަހު ރޮނާލްޑޯ ފުޓުބޯޅަ ކުޅުން ހުއްޓާލާނެތޯ ނުވަތަ އެހެން ކުލަބަކަށް ބަދަލުވާނެތޯ އެއީ ގިނަ ބަޔަކު އުފައްދަމުން އަންނަ ސުވާލެކެވެ. ނަމަވެސް ރޮނާލްޑޯ ބުނީ އޭނާ ކުޅުން ހުއްޓާލުމަށް ފަހު ފެނުން އެންމެ ގާތީ ކޯޗިންގް އޭރިއާއިން ކަމަށެވެ.
"އަހަރެން ކޯޗުކަން ކުރުމުގެ ހިޔާލެއް ދުލެއް ނުކުރަން،" އިޓަލީގެ މެގަޒިންއެއް ކަމަށްވާ އައިކަންއަށް މައުލޫމާތު ދެމުން ރޮނާލްޑޯ ބުންޏެވެ.
"އަހަރަން ގަބޫލު ކުރަން ކުޅުންތެރިއެއްގެ ގޮތުގައި އެކަކަށް ވެސް ހުރިހާ އެއްޗެއް ނޭނގޭނެ ކަން. އެކަމަކު ގިނައިން އިނގުން ވަރަކަށް މޮޅު ކުޅުންތެރިޔަކަށް ވާން ފުރުސަތު ފަހި ވާނެ،"