ކޮލަމްބޯ (މެއި 3): ސްރީލަންކާގައި މިދިޔަ މަހުގެ 21ގައި ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ބައެއް މީހުން އިންޑިއާއަށް ދިޔަ ކަމަށާއި، އެއީ ހަމަލާ ދިނުމާ ގުޅުން ހުރި ތަމްރީނުތައް ހަދަން ކަމަށް ބެލެވޭ ކަމަށް ލަންކާއިން ބުނެފި އެވެ.

ލަންކާގެ އަސްކަރިއްޔާގެ ކޮމާންޑަރު މަހޭޝް ސެނަނަޔަކަ ބީބީސީއަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވި ގޮތުގައި އީސްޓާ ސަންޑޭގެ ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ކެރަލާ، ބެންގަލޫރު އަދި ކަޝްމީރަށް ގޮސްފައިވެ އެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެމީހުން އިންޑިއާއަށް ދިޔައީ ތަމްރީނުތަކަށެވެ.

މީގެ އިތުރުން، ލަންކާގައި އަމިއްލައަށް މަރުވެގެން ހަމަލާ ދިން މީހުންގެ ތެރޭގައި ހިމެނޭ އަބްދުއްޖަމީލް ލަތީފް ވަނީ 2015 ވަނަ އަހަރު އައިއެސްއާ ގުޅުން، ސީރިއާއަށް ދާން މަސައްކަތްކޮށްފައި ކަމަށްވެސް ސެނަނަޔަކަ ވިދާޅުވި އެވެ. އަދި އެހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން ދިރި ތިބި ގިނަ މީހުން މިހާރު ތިބީ ހައްޔަރުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ފުލުހުން ބުނާ ގޮތުގައި އީސްޓާ ސަންޑޭގެ ހަމަލާތައް ދިނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހިމް (ޖޭއެމްއައި) ގުޅިގެން، ބޭރުގެ އެހީއާ އެކުގަ އެވެ. އެހަމަލާ ދިންތާ ދެ ދުވަސް ފަހުން އައިއެސްއިން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި އެޖަމާއަތުގެ ލީޑަރު ވަނީ ލަންކާއަށް ހަމަލާދިނީ، ސީރިއާގައި އެޖަމާއަތުން ކޮންޓްރޯލު ކުރަމުން އައި ބާޣޫޒް އަތުލުމުން ކަމަށް ބުނެފަ އެވެ.

ލަންކާގައި ދިން ހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން ފުލުހުން ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.