20 Oct 2011, 15:26
ކުޑަކުދިން ޖިންސީ ކަންކަމުގައި ވިޔަފާރީގެ އުސޫލުން ބޭނުން ކުރުމާއި ކުޑަކުދިން ގަނެވިއްކުމުގެ ވިޔަފާރިއާ ބެހޭ ގޮތުން ޑެސްކް ރިވިއުއެއް ހެދުމަށް ލޯކަލް ކޮންސަލްޓަންޓެއް ބޭނުންވެގެން ހެލްތު މިނިސްޓްރީ އިން އިއުލާން ކޮށްފި އެވެ.
މިއަދު ގެޒެޓްގައި ޝާއިއު ކުރި އިޢުލާނާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރުގެ ނައިބު ފާތުމަތު އާފިޔާ މިއަދު ވިދާޅުވީ މިއީ މިފަދަ ރިވިއުއެއް ރާއްޖޭގައި ހަދާ ފުރަތަމަ ފަހަރު ކަމަށެވެ.
އަދި މިގޮތަށް ނިންމީ މަދުމަދުން ނަމަވެސް ރާއްޖޭގައި އެފަދަ ހާދިސާތައް ފެންމަތި ވަމުންދާތީ އާއި އަދި އެފަދަ ކަންތައްތަކަކީ ސަރަހައްދީ ފެންވަރުގެ މުއާހަދާތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ވެސް ވަރަށް ބޮޑަށް މަނާކުރާ ކަންތައްތަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖޭގައި ވެސް ދިރާސާއަކަށް ކަންކަން ނިންމޭނީ. އެހެންވެ މިކަން މި ކުރަނީ،" އާފިޔާ ވިދާޅުވި އެވެ.
ނަމަވެސް މިހާތަނަށް އަދި ކުޑަކުދިން ވިޔަފާރީގެ އުސޫލުން ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިނުވި ނަމަވެސް އެކަމަކީ ދިރާސާއެއްކޮށްގެން ބަލަންޖެހޭ ކަމެއް ކަމަށް އާފިޔާ ވިދާޅުވި އެވެ.
އަދި ރާއްޖޭގައި އެފަދަ ކަމެއް ހިނގާކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އެނގިގެންދާނީ އެފަދަ ދިރާސާއަކަށް ފަހު ކަމަށް ވެސް އާފިޔާ ވިދާޅުވި އެވެ.
ނަމަވެސް އެ ދިރާސާ އަކީ ކިހާ މުއްދަތަކަށް ރާއްޖޭގެ ކޮން ސަރަހައްދުތަކެއްގައި ކުރިއަށް ގެންދާ ދިިރާސާއެއް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.