03 May 2019, 13:37
ދިއްލީ (މެއި 3): ގަދަ ވަޔާއި ބޯ ވާރެޔާއެކު އިންޑިއާއަށް މިއަދު އަރަންފެށި ބާރުގަދަ ތޫފާނުގެ ސަބަބުން ދެ މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ)އިން ބުނި ގޮތުގައި ސައިކްލޯން ފޯނީ މިއަދު ހެނދުނު އެރީ އޮޑީޝާއަށެވެ. އަދި ތޫފާން އެރުމުގެ ކުރިން އެ ސްޓޭޓުން ވަނީ އެއް މިލިއަނަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
އޮޑީޝާގެ ސްޕެޝަލް ރިލީފް ކޮމިޝަނަރު ބިޝްނުޕަޑާ ސެތީ ވިދާޅުވި ގޮތުގައި ތޫފާނާ ގުޅިގެން އެކަކު މަރުވީ، ވަގުތީ ހިޔާއެއްގައި ހުއްޓާ ހިތް ހުއްޓިގެންނެވެ. އަދި ދެވަނަ މީހާ މަރުވީ ވިއްސާރަވީ ވަގުތު ބޭރުގައި އުޅެނިކޮށް، ވެއްޓުނު ގަހެއްގެ ދަށުވުމުގެ ސަބަބުންނެވެ.
އެމެރިކާގެ ޖޮއިންޓް ޓައިފޫން ވޯނިން ސެންޓަރުން ބުނި ގޮތުގައި އެތޫފާނުގައި ވައިޖެހޭ ސްޕީޑު ވަނީ ގަޑިއަކު 250 ކިލޯމީޓަރަށް އަރާފައެވެ. އަދި އެއީ ފާއިތުވި 20 އަހަރު ތެރޭ އެގައުމަށް އެރި އެންމެ ވަރުގަދަ ތޫފާނަށް ވެދާނެއެވެ.
އޮޑީޝާގެ 15 ޑިސްޓްރިކްޓަކަށް ސައިކްލޯން ފޯނީ އަރާނެ ކަމަށް ބެލެވެއެވެ. އަދި އެތޫފާނާ ގުޅިގެން އެސްޓޭޓުގެ ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް، ގިނަ އަދަދެއްގެ ފްލައިޓުތަކާއި ރޭލު ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. މީގެ އިތުރުން އަވަށްޓެރި ވެސްޓް ބެންގޯލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގެ އެއާޕޯޓުވެސް ވަނީ ބަންދުކޮށްފައެވެ.
އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނާ ގޮތުގައި އެތޫފާން މާދަމާ ދަތުރު ކުރާނެ ކަމަށް ބެލެވެނީ ބަންގުލަދޭޝްގެ ޗިޓަގޮންގާ ދިމާލަށެވެ. ނަމަވެސް އޭރު ތޫފާނުގެ ބާރު ދަށްވާނެ ކަމަށްވެސް އެއިދާރާއިން ބުންޏެވެ.
އިންޑިއާއަށް އެ ތޫފާން އެރީ އެގައުމުގެ އާއްމު އިންތިހާބު ކުރިއަށްދާ ދަނޑިވަޅުގައެވެ. މިދިޔަ މަހުގެ 11އިން މިމަހުގެ 19އަށް ކުރިއަށްދާ އެއިންތިހާބުގައި އޮޑީޝާގެ ވޯޓުލުން ވަނީ ނިމިފައެވެ.