ދެމެހެއްޓެނިވި ތަރައްގީގެ 13 ވަނަ ލަނޑުދަނޑި ކަމުގައިވާ ކްލައިމެޓް އެކްޝަން ނުވަތަ މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމުގެ ލަނޑުދަނޑީގެ ދަށުން، ޔޫއެންޑީޕީއާ ގުޅިގެން ދެ ޕްރޮޖެކްޓެއް ހިންގުމަށް ދިރާގުން ތައްޔާރުވެއްޖެއެވެ.

ދިރާގުން ބުނީ ދެމެހެއްޓެނިވި ތިމާވެއްޓެއް ބިނާކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގައި ހިމެނޭ ވަރާސް މުހިންމު ބައެއް ކަމަށެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީއާއި ފަންނުވެރިކަން ބޭނުންކޮށްގެން ދިރާގުން ހިންގަން އުޅޭ ދެ މަޝްރޫއަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި އިޖްތިމާއީ ތަރައްގީގައި ޑިޖިޓަލް ހައްލުތަކެއް ބޭނުންކުރުމަށް ދިރާގުން ގެންގުޅޭ ތަަސައްވަރު ވަރުގަދަކޮށްދޭ ދެ މަޝްރޫއެއް ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި، އެކުންފުނިން ހިންގަން ރާވާފއިވާ ފުރަތަމަ ޕްރޮޖެކްޓަކީ ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ ރަށްރަށުގެ ކާރިސީ ހީރާސް (ޑިޒާސްޓާ ރިސްކް) އެސެސްމެންޓެއް ހެދުމެވެ.

"ޑްރޯންސް ފޯރ ރެޒިލިއަންސް"ގެ ނަމުގައި ހިންގަން ރާވާފައިވާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކާރިސީ ހީރާސް ކުޑަކުރުމާއި ކާރިސާތައް މެނޭޖުކުރުމުގެ މަސައްކަތަށް ޑްރޯން ޓެކްނޮލޮޖީ ވެއްދުމެވެ. އެގޮތުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކާރިސާއެއް ދިމާވެއްޖެ ހާލަތަކަށް ތައްޔާރުވާނެ ގޮތްތައް ކަނޑައަޅައި، ހަތަރު ރަށަކަށް ތަފްސީލީ މެޕުތަކެއް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ހައި ރިސްކް އޭރިއާތަކާއި ސޭފް ޒޯންތައް ފަދަ ސަރަހައްދުތައް ފާހަގަކޮށް، އުފައްދާ މި މެޕުތަކަކީ ރަށު ފެންވަރާއި ގައުމީ ފެންވަރުގައި ލޭންޑް ޔޫޒް ޕްލޭނިންގްއަށް ބޭނުންކުރެވޭނެ މެޕުތަކެއް ކަމަށް ދިރާގުން ބުންޏެވެ.

މި މަޝްރޫއުގެ މަގްސަދަކީ ކާރިސީ ހީރާސް ކުޑަކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ސަރުކާރަށް އެހީތެރިވެދީ، ނުރައްކާ ހާލަތެއްގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައި، އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ކަމަށް ދިރާގުން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދެން ހިންގަން ހަމަޖައްސާފައިވާ މަޝްރޫއަކީ، މިދިޔަ ދެ އަހަރުވެސް ހިންގާފައިވާ "ފިލްމް ފޯރ ޗޭންޖް"އެވެ. ފިލްމް ފޯރ ޗޭންޖްއަކީ މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޑިވައިސްއެއް ބޭނުންކޮށްގެން ޑޮކިއުމެންޓްރީ ސްޓއިލުގެ ކުރު ފިލްމު އުފައްދާ ހަރަކާތެކެވެ. ފިލްމް ފޯރ ޗޭންޖްގެ ކްލައިމެޓް އެޑިޝަނެއް މި އަހަރު ބާއްވަން ހަމަޖެހިފައިވާ އިރު، ދިރާގުން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމާ ބެހޭ ގޮތުން ޒުވާނުން ބާރުވެރިކުރުވޭނެ ކަމަށެވެ.

"މި ޕްރޮގްރާމުގެ މައިގަނޑު ފޯކަސްއަކީ ދެމެހެއްޓެނިވި ތަރައްގީގެ 13 ވަނަ ލަނޑުދަނޑި ހާސިލުކުރުމާ ބެހޭގޮތުން ހޭލުންތެރިކުރުން ކަމުގައިވާ އިރު، އެހެން ލަނޑުދަނޑިތަކާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތްތައް ބައިވެރިންނަށް ކިޔައިދެވޭނެ،" ދިރާގުން ބުންޏެވެ.

ފިލްމް ފޯރ ޗޭންޖް ރަސްމީކޮށް ލޯންޗުކުރާނީ މި އަހަރު ބާއްވާ ފިލްމް ފެސްޓިވަލެއްގައި ކަމަަށާއި، މި ޕްރޮޖެކްޓުގެ ދަށުން އުފައްދާ ފިލްމުތައް ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމުތަކުގައި އާންމުކުރާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގާއި ޔޫއެންޑީޕީން ގުޅިގެން މީގެ ކުރިންވެސް ވަނީ މުހިންމު އަދި ކާމިޔާބު މަސައްކަތްތަކެއް ހިންގާފައެވެ. އެގޮތުން 2017 އާއި 2018 ވަނަ އަހަރުގެ "ފިލްމް ފޯރ ޗޭންޖް" ޕްރޮޖެކްޓުގެ އިތުރުން، 2018 ވަނަ އަހަރުގެ ޔޫތު ލީޑަޝިޕް ޕްރޮގްރާމާއި 2017 ވަނަ އަހަރުގެ ސްޓާޓްއަޕް ވީކެންޑްވެސް ހިމެނެއެވެ.