ބެއިޖިން (މެއި 3): ޗައިނާއިން ދަނީ މުސްލިމުންނަށް ޖާސޫސުކުރުމަށް މޮބައިލް އެޕެއް ބޭނުންކުރަމުން ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު)އިން ބުނެފިއެވެ.

އެޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ޝިންޖިއަންގްގައި ޗައިނާއިން ދަނީ މުސްލިމުންނާ ބެހޭ މައުލޫމާތު ހޯދައި، "ޝައްކު ކުރެވޭ މީހުން" ފާހަގަކުރުމަށް އެޕެއް ބޭނުންކުރަމުންނެވެ.

ޗައިނާއިން އެ އެޕްގެ ފުރަތަމަ ވާޝަން ނެރުނީ ޑިސެމްބަރު 2016 ގައެވެ. އެޗްއާރުޑަބްލިއުއިން ވަނީ މިދިޔަ އަހަރު އެ އެޕް، އެޕްސްޓޯރުތަކުން ނެގުމުގެ ކުރިން ޑައުންލޯޑުކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން އެ އެޕް ވަނީ ޗައިނާގެ އިންޓަގްރޭޓެޑް ޖޮއިންޓް އޮޕަރޭޝަންސް ޕްރޮގްރާމް (އައިޖޭއޯޕީ)އާ ގުޅާލާފައެވެ. އައިޖޭއޯޕީއަކީ މީހުންގެ މައުލޫމާތު އެއްކޮށް، އިތުރަށް ތަހުގީގުކުރަން ޖެހޭ މީހުން ފާހަގަކުރާ ސާވެއިލެންސް ސިސްޓަމެކެވެ. އަދި އެ އެޕުން އެއްކުރާ މައުލޫމާތުތަކުގެ ތެރޭގައި މީހާގެ ލޭގެ ގުރޫޕާއި ދިގުމިނާއި ދީންވެރިކަން ހިމެނެއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި ޗައިނާއިން ޖާސޫސު ކުރަން ބޭނުން ކުރާ އެޕުގައި މުސްލިމުންގެ ޕްރައިވެޓް މައުލޫމާތު ރައްކާކޮށްފައިވޭ -- ފޮޓޯ: އެޗްއާރުޑަބްލިއު

"ޗައިނާގެ ސަރުކާރުން ދަނީ ޝިންޖިއަންގްގެ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް މޮނިޓާކޮށް، ސަރުކާރުން އިތުބާރުނުކުރެވޭ މީހުން ފާހަގަކޮށް، އެމީހުން އިތުރަށް ތަހުގީގުކުރަމުން،" އެޗްއާރުޑަބްލިއުގެ ރިސާޗާ މާޔާ ވަންގް ވިދާޅުވިއެވެ.

އެ އެޕުން ޖާސޫސުކުރާނެ މީހުން ފާހަގަކުރަނީ ވަކި ސިފަތަކަށް ބަލާފައެވެ. އޭގެ ތެރޭގައި ވަރަށް އާދައިގެ ކަންތައްތައްވެސް ހިމެނެ އެވެ. އެގޮތުން "އަވަށްޓެރިންނާ ގުޅުން ބަދަހި ނުކުރުމާއި، އުފަން ރަށަށް ނުދާތާ ގިނަ ދުވަސްތަކަށް ފަހު ކުއްލިއަކަށް ދިޔުމާއި، މިސްކިތްތަކަށް ބޭނުންވާ ލާރިއާއި ވަސީލަތްތައް އެއްކުރުމާއި، ގެއިން އާދަޔާ ހިލާފަށް ކަރަންޓު ބޭނުންކުރުން" ހިމެނެއެވެ.

އެސިފަތައް އެޕް މެދުވެރިކޮށް ފާހަގަ ކުރެވިއްޖެނަމަ އެބަޔަކު އިތުރަށް ތަހުގީގު ކުރެވޭނެއެވެ. އަދި އެމީހެއްގެ ފޯނުން ވާޗުއަލް ޕްރައިވެޓް ނެޓްވޯކްސް (ވީޕީއެން)އާއި ވަޓްސްއެޕް ފަދަ މެސެޖިން އެޕްތައް ބޭނުން ކުރޭތޯ ބަލާނެއެވެ. އަދި އެމީހަކު ބޭނުން ކުރާ އުޅަނދެއްގެ ލައިސެންސް ޕްލޭޓް ނަމްބަރާއި އޭގެ ބާވަތާއި ކުލަވެސް އެޕަށް އަޅާނެއެވެ. އޭރުން ސެކިއުރިޓީ ޗެކްޕޮއިންޓުތަކުގައި އެއުޅަނދުތައް ފާސްކުރަން އެޕް މެދުވެރިކޮށް ފުލުހުންނަށް އެންގޭނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެޗްއާރުޑަބްލިއުއިން ބުނާ ގޮތުގައި ޗައިނާއިން ވަނީ އެގައުމުން "ރީއެޑިއުކޭޝަން ކޭމްޕުތަކުގެ" ގޮތުގައި ސިފަ ކުރާ ގައިދުހާނާތަކުގައި އެއް މިލިއަން މުސްލިމުން ހައްޔަރުކޮށްފައެވެ. އެގައިދުހާނާތަކުގައި އެމީހުންނަށް ކޮމިއުނިސްޓު ޕްރޮޕަގަންޑާ ދަސްކޮށްދީ، ދީން ގަބޫލު ކުރުން ހުއްޓުވުމަށްޓަކައި އަނިޔާ ކުރެއެވެ. ނަމަވެސް ޗައިނާއިން ވަނީ އެއީ މީހުން އަމިއްލައަށް ބޭނުންވެގެން ދާ "ޓްރެއިނިން ސެންޓަރުތައް" ކަމަށާއި އެއީ ބޯޑިން ސްކޫލާ އެއްގޮތް މަރުކަޒުތައް ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް މުސްލިމުންނަށް އަމާޒުކޮށް މިފަދަ ކަންކަން ކުރާކަމަށް ދެކެވޭ ވާހަކަތައް ޗައިނާ ސަރުކާރުން އަބަދުވެސް ދޮގުކުރެއެވެ.