އެމެރިކާއިން ރާއްޖެއަށް އާ އެޑްވައިޒަރީއެއް ނެރެފައި ނެތް ކަމަށާއި މިއަދު އޮޅިގެން ނެރުނު އެޑްވައިޒަރީ އިސްލާހުކޮށްފައިވަނީ ކުރިން ވެސް އެ އެޑްވައިޒަރީ އޮތް ގޮތަށް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެއީ ލެވަލް ޓޫގެ އެޑްވައިޒަރީއެއް ކަމަށާއި އެއަށް ފަހު އާ އެޑްވައިޒަރީއެއް ނެރެފައި ނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ލެވަލް ޓޫގެ އެޑްވައިޒަރީއެއް ނެރެފައި އިންނަނީ މިދިޔަ އަހަރުގެ ޖެނުއަރީ އިން ފެށިގެން. އޭގެ ފަހުން އާ އެޑްވައިޒަރީއެއް ނެރެގެނެއް ނޫޅޭ. އޮޅިގެން ނެރުނު އެތި އިސްލާހު ކުރީ ހަމަ ކުރިން އިންގޮތަށް. ލެވަލް ޓޫގެ އެޑްވައިޒަރީ ފްރާންސް، ޔޫކޭ ތަންތަނަށް ވެސް އެމެރިކާއިން ނެރެފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮޅިގެން ނެރުނު އެޑްވައިޒަރީ އިސްލާހު ކުރިއިރުވެސް ރާއްޖެއާ މެދު އެ ގައުމުން ގެންގުޅެފައިވާ ބަސްމަގު ވަނީ ބަދަލުކޮށްފަ އެވެ. އަދި ހާސްވާން ޖެހޭވަރުގެ ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެއާ މެދު މިއަދު އޮޅިގެން ޓްރެވަލް އެޑްވައިޒަރީއެއް ނެރުނީ، ރާއްޖޭގައި ޓެރެރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އެކަމަށް މާފަށް އެދެމުން ބުނެފައި ވަނީ އެއީ މާ ކުރީގެ މައުލޫމާތުތަކަށް ބިނާކޮށް ނެރެވުނު އެއްޗެއް ކަމަށެވެ. އަދި އެ ކުށް ވަނީ މިހާރު އިސްލާހުވެސް ކޮށްފަ އެވެ.