ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ ޝަރީއަތުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގައި އެކޯޓް ކައިރިއަށް އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު އެއްކުރުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމަކީ އަދުލްއިންސާފުގެ ދާއިރާއަށް ބިރުދައްކައި ނުފޫޒުފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށާއި މުޒާހަރާ ކުރުން ވަގުތުން ހުއްޓާލުމަށް ގައުމީ ޕާޓީން އާއި ޑީއާރުޕީން ގޮވާލައިފި އެވެ.

އެމްޑީޕީގެ އެނިންމުން ކުށްވެރިކޮށް ގައުމީ ޕާޓީއާއި ޑީއާރުޕީން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ކޯޓް ކައިރިއަށް މީހުން އެއްކޮށް ކޯޓްތަކުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް އެމްޑީޕީން ތަކުރާރުކޮށް ހިންގަމުންގެންދާ ގާނޫނާއި ހިލާފް އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ޝަރީއަތުގެ އަޑުއެހުމަށް އެމްޑީޕީގެ ވީހާވެސް ގިނަ އަދަދެއްގެ މެމްބަރުން ދިއުމަށް އެމްޑީޕީ އިން ގޮވާލާފައިވާ ގޮވާލުމަކީ ސުޕްރީމް ކޯޓް ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް އަދުލްއިންސާފުގެ ދާއިރާއަށް ބިރުދައްކާ ނުފޫޒުފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

"މީގެކުރިން ވެސް ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، މަގުމަތީގައި އަމިއްލައަށް ކޯޓްހަދައި ހުކުމް އިއްވާ ހެދުމަކީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީއިން އަދުލުއިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައި، އެދާއިރާގެ އަގުވައްޓާލައި ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުން ތަކުރާރުކޮށް ކުރަމުން އަންނަ ދަށުދަރަޖައިގެ އަމަލުތަކެއް،" ކަމަށް އެބަޔާނުގައިވެ އެވެ.

ޝަރުއީ ދާއިރާ އިންސާފުން އެއްކިބާވެގެން މަސައްކަތް ކުރާ ކަމަށް ބުނެ، ވެރިކަން ކުރާ އެމްޑިޕީން މިއަދު މުޒާހަރާ ކުރަން ނުކުތުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅިއިރު މުސްތަފާގެ ސާބިތު ދަރަނީގެ މައްސަލައެއް މިއަދު 3:30 ގައި ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.