02 May 2019, 19:00
އދ. މާމިގިލީ ސިއްހީ މަރުކަޒުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އެ ރަށުގައި ހިމޭން އިހްތިޖާޖެއް ފަށަައިފި އެވެ.
އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ސޫޒީ މުހައްމަދު 'ސަން' އަށް ބުނީ މާމިގިލީގައި ސުލްހަވެރި އިހްތިޖާޖެއް ފަށާފައި ވަނީ އެ ރަށުގު ސިއްހީ މަރުކަޒުން 'އެންމެ އާސާސީ' ހިދުމަތްތެއް ވެސް ލިބެމުން ނުދާތީ ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު 4:30 އިން ފެށިގެން ހަވީރު 6:00 ހަމައަށް އެ ސުލްހަވެރި އިހްތިޖާޖު މި ކުރިއަށް ގެންދިޔައީ. ސަރުކާރުގެ ސަމާލުކަމަށް މިކަން އައިސް ހައްލު ލިބެންދެން ކޮންމެ ދުވަހަކު ވެސް އިހްތިޖާޖު ކުރުއަށް ގެންދަން ނިންމާފައި އޮތީ،" މާމިގިލީ ސިއްހީ މަރުކަޒު ކުރިމަތީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އިސްކޮށް އުޅޭ އަހްމަދު ސޫޒީ ބުންޏެވެ.

މާމިގިލީ ސިއްހީ މަރުކަޒުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަމަށް ބުނެ އެ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަނީ ---
އޭނާ އިތުރަށް ބުނީ، ފަސްހާހެއްހާ މީހުން ދިރިއުޅެމުންދާ މާމިގިލީ ސިއްހީ މަރުކަޒުގައި ސްކޭނެއް އަދި އެކްސްރޭ އެއްވެސް ނެގެން ނުހުންނަ ކަމަށެވެ. އަދި ބައްޔެއް ވެގެން ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތެއްގައި ދާން ޖެހެނޭ މާލެއަށް ނުވަތަ ގަޑިއެއްހާއިރުގެ ދަތުރެއް ކުރުމަށް ފަހު މަހިބަދޫ ހޮސްޕިޓަލަށް ކަމަށް އަހްމަދު ސޫޒީ ބުންޏެވެ.

މާމިގިލީ ސިއްހީ މަރުކަޒުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަމަށް ބުނެ އެ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަނީ ---
މާމިގިލީ އެއާޕޯޓްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް ތިން މީހެއްގެ ފައި ބިންދައިގެން ގޮސްފައިވާއިރު އެންމެ ފުރަތަމަ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ. ނަމަވެސް އޭގެތެރެއިން ހާލު ސީރިއަސްވި މާމިގިލީ، ބިންމާ، އަހްމަދު ރަޝީދު އަބްދުއްޝަކޫރު، 30، އިތުރު ފަރުވާއަށް މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަފަހުން ރޭ ވަނީ މަރުވެފަ އެވެ.