02 May 2019, 18:22
ހެންވޭރު މުތީގޯޅީގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި އަނިޔާ ވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އެބަދެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:00 އެހައިކަންހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މީހާ ވެއްޓިފައިވަނީ ހަދަމުންދިޔަ އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާއިން ހަތަރު ވަނަ ފަންގިފިލާއަށް ކަމަށެވެ.
އެ ސަރަހައްދުގައި ހުރި މީހަކު 'ސަން' އަށް ބުނީ ބިދޭސީ މީހާ ވެއްޓުމުން އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ އެހެން ބިދޭސީން އެ މީހާ ފޮރުވުމަށް މަސައްކަތް ކުރި ކަމަށާއި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ސަރަހައްދުގައި އުޅުނު ދިވެހިން ކަމަށެވެ. އަދި ފުލުހުން އައިސް އެމްބިއުލައުންސްއަށް ގުޅައި އެ ބިދޭސީ މީހާ އެ އިމާރާތުން ނެރުނު އިރު ހޭވެރިކަން ނެތް ކަމަށް އޭނާ ކިޔައިދިނެވެ.
ނަމަވެސް އެ ބިދޭސީމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އައިޖީއެމްއެޗުން ބުނީ، ހަދަމުން ދިޔަ އިމާރާތަކުން ވެއްޓިގެން 25 އަހަރުގެ ބަންގްލަދޭޝް މީހަކު މިރޭ 6:50 ގައި އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާއަށް އެމްޖިންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.