20 Oct 2011, 15:18
އަންހެނުން ބާރުވެރި ކުރުވަން ދިވެހި ރެޑް ކްރެސެންޓުން ހިންގި ތަމްރީން ޕޮރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވުމަށާއި ގާބިލުކަން އިތުރުކުރަން ދިވެހި ރެޑް ކްރެސެންޓް ހިންގާ ޕްރޮގްރާމްގެ ދެ ވަނަ މަރުހަލާގެ ދަށުން މި މަހުގެ 16 އިން 20 އަށް ހިންގި "ޓްރެއިނިންގް އޮފް ޓްރެއިނާޒް" ޕްރޮގްރާމްގައި 17 މީހަކު ވަނީ މިއަދު ސެޓްފިކެޓް ހާސިލުކޮށްފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވެވި، ހެލްތް މިނިސްޓަރުގެ ނައިބު ފާތުމަތު އާފިޔާ ވިދާޅުވީ ރާއްޖޭގެ ދެބައި ކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ވިޔަސް އަންހެނުންގެ ބައިވެރިވުން ރާއްޖޭގައި ވަރަށް ކުޑަ ކަމަށާއި އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގައި އަންހެނުންގެ ކޮމެޓީތައް އުފެއްދުން ވަރަށް މުހިންމު ކަމަށެވެ.
ދިވެހި ރެޑްކްރަސެންޓުން ހިންގި ޕްރޮގްރާމަކީ ރާއްޖޭގެ ގާނޫނުތަކުގައި އަންހެނުންނަށް ލިބިފައިވާ ހައްގުތަކާއި ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކާއި ބާރުވެރިވުމަށް ބޭނުންވާ ދާއިރާތަކާއި ކުއްލިހާލަތުގައި އަންހެނުންނަށް ދިމާވާ މައްސަލަތަކުގެ އިތުރުން މުޖުތަމައު ބާރުވެރި ކުރުވަން ހިންގި ޕްރޮގްރާމެކެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ރެޑް ކްރެސެންޓުގެ އަތޮޅު ތަކުންނާއި މާލެއިން ހޮވާލެވުނު މުވައްޒަފުންނާއި ވޮލަންޓިއަރުން ވެސް ބައިވެރިވި އެވެ.