ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބުނެފި އެވެ.

ސުޕްރީމް ކޯޓުން އިސްނަގައިގެން އެކުލަވާލާފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، އިސްލާހު ކުރުމުގެ މަގުޗާޓު ރޭ ވަނީ އިފްތިތާހުކޮށްފަ އެވެ. ވިހި ކަމެއް ހިމަނައިގެން އެކުލަވާލި އެ މަގުޗާޓު އެކުލަވާލުމަކީ ސުޕްރީމް ކޯޓުގެ މެންޑޭޓުގައި ނުހިމެނޭ ކަމެއް ކަަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

މިއަދު ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކެޑެމީގެ ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން ތަންފީޒީ ބާރުގެ ކަންކަން އިސްލާހު ކުރުމަކީ އެ ބާރުގެ އެންމެ އިސް ވެރިޔާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ. ހަމަ އެގޮތަށް ޖުޑިޝަރީގެ އެންމެ މަތީ ބާރުގެ ހައިސިއްޔަތުން ޖުޑިޝަރީ އިސްލާހު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.

"ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި އެ ބުނަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓޭ. އެއްވެސް ތަނެއް އިސްލާހު ކުރުމުގެ ދުސްތޫރީ މެންޑޭޓު ނުވަަތަ ބާރު އޮންނާނީ އެތަނެއްގެ އެންމެ އިސް ފަރާތެއްގެ އަތުގައި،"

ގާނޫނު އަސާސީ އިން ސުޕްރީމް ކޯޓަށް ދެ ހައިސިއްޔަތެއް ލިބޭ ކަމަށް މާޖިދު ވިދާޅުވި އެވެ. އެއީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާއިން ލިބޭ އަދުލްއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތާއި ގާނޫނު އަސާސީގެ 145 ވަނަ މާއްދާއިން ލިބޭ އެންމެ އިސް ކޯޓަށްވުމުގެ ހައިސިއްޔަތެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އިސްލާހީ ރޯޑްމެޕް އެކުލަވާލީ ދައުލަތުގެ ކަމާ ބެހޭ އެކި ފަރާތްތަކާއި ބޭރުގެ ޖަމާއަތްތަކާ އެކު ބޭއްވި ކޮންފަރެންސްގެ ހިޔާލުތަކުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ މަގުޗާޓުގައިވާ ކަންކަން ތަންފީޒު ކުރާނީ ދައުލަތުގެ އެހެން އިދާރާތަކާ ވެސް ގުޅިގެން މަޝްވަރާއާ އެކު ކަމަށެވެ.

މިއަދު ޑީޖޭއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގެ ތެރެއިން ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ދައުލަތެއްގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އަޅުގަނޑުމެންގެ ކަންތައްތައް ރަނގަޅު ކުރެވޭނީ. އަޅުގަނޑުމެން އެންމެން ވެސް މި ކުރަނީ އެއް މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒީރު ވިދާޅުވީ، މަގުޗާޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ތަންފީޒު ކުރެވޭނެ ބައެއް ކަންތައްތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާޖިދު ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ކުރުމަށް އެކުލަވާލި މަގުޗާޓަކީ ގިނަ ފަރާތްތަކެއްގެ މަޝްވަރާއާ އެކު އެކުލަވާލި އެއްޗެއް ކަމަށެވެ. އަދި އެ މަގުޗާޓުގައި ބުނާ ކަންތައްތައް ހާސިލު ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލާނެ ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނުތައް އިސްލާހު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގުޗާޓެއް އެކުލަވާލަން ޖެހިފައި ވަނީ ބައެއް ކަންތައްތައް މާޒީގައި ހިނގަން ޖެހޭ ގޮތަށް ހިނގާފައި ނުވުމުން ކަމަށް މާޖިދު ވިދާޅުވި އެވެެ.

ޝަރުއީ ދާއިރާއަށް ރައްޔިތުން އިތުބާރު ކުރައްވާތޯ "ސަން" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ ޝަކުވާތަކެއް އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި އިތުބާރު ކުރާ ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުނުވެވޭނެ ކަމަށެވެ.

ރައްޔިތުން ޝަރުއީ ދާއިރާއާ މެދު ހިތްހަމަނު ޖެހޭ ނަމަ ފާޑު ކިޔިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒުފ ފޯރާ ގޮތަށް އެކަން ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.