02 May 2019, 15:28
އިންޑިއާއިން ޕޯލިއޯ ނައްތާލެވިފައިވީ ނަމަވެސް، އިންޑިއާގައި މިހާރު ވެސް އަހަރަކު 50،000 އާހެއްހާ މީހުންނަށް ވާގިނެތޭ ބައްޔެއް ޖެހޭ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ދެ ހޮސްޕިޓަލަކާ ހަވާލާދީ، ދަ ހިންދޫ ނޫހުން ބުނީ 2000 ވަނައަހަރުންް ފެށިގެން 2017 ވަނަ އަހަރާ ހަމައަށް 4.9 ލައްކަ މީހުން ވާގި ނެތުމުގެ ބަލި ޖެހިފައިވާ ކަަމަށެވެ.
އެގޮތަށް ވާގި ނެތޭ ބައްޔަށް ދީފައިވާ ނަމަކީ ނޮން ޕޯލިއޯ އެކިއުޓް ފްލެސިޑް ޕެރާލިސިސް ( އެންއެފްޕީ) އެވެ. އެ ބަލި ޖެހުމުން ފެންނަ އަލާމާތްތަކާ ޕޯލިއޯ ޖެހުމުން ފެންނަ އަލާމާތްތަކާ ވަރަށް އެއްގޮތެވެ. އެ ބަލި ޖެހުމުން ކުއްލިއަކަށް ގައިން ވާގި ދޫވެ ނުވަތަ މަސްތަކުން ބާރު ދޫވެގެންދެ އެވެ.
ވޮޝިންގްޓަން ޕޯސްޓުނޫހުން ބުނީ އެ ގޮތަށް ވާވުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކުން ޑީ68 ނަމަކަށް ކިޔާ އެންޓޮރޯވައިރަސް އަކަށް ޕޮޒޮޓިވްވެފައިވާ ކަމަށެވެ. އަދި މިއީ މިއުޓޭޓްވެފައިވާ ވައިރަސްއަކަަށް ވެދާނެކަމަށާއި އެހެންނަމަވެސް އެ ބަލި ފެންނަ އެންމެން އެ ވައިރަސްއަށް ޕޮޒިޓިޒް ނުވާ ކަމަށް ވެސް ނޫހުން ބުންޏެވެ.
ވާވަމުގެ ބައްޔާމެދު އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން މާބޮޑު ސަމާލުކަމެއް ނުދޭކަމަށް ބުނެ ބެެލެނިވެރިން ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވާކަމަަށްވެސް ވޮޝިންގްޓަން ޕޯސްޓުން ބުނެ އެވެ.
އިންޑިއާއިން ޕޯލިއޯ ނައްތާލީ 2014 ވަނަ އަހަރު އެވެ. ޑަބްލިއު އެޗްއޯއިން ބުނާގޮތުގައި މިހާރު ދުނިޔޭގައި ޕޯލިއޯ ނައްތާނުލެވި އޮތީ އަފްގާނިސްތާނާއި، ނައިޖީރިއާ އަދި ޕާކިސްތާނުގަ އެވެ.
ޕޯލިއޯއަކީ ކުރިން ވަރަށް ބޮޑަށް ފެތުުރުނު ބައްޔަކެވެ. އެކަމާ ގުޅިގެން އެމެރިކާގެ ވައިރޮލޮޖިސްޓެއް ކަަމަށްވާ ޖޯނަސް ސަލްކް ވަނީ ވެކްސިންއެއް އުފައްދައިފަ އެވެ. ސަލްކް ކުރިން ބޭނުންކުރީ މަރާލައިފައިވާ ވައިރަސްއެކެވެ. އެ ވައްތަރުގެ ވެކްސިން ދެމުން ދިޔައީ އިންޖެކްޓްކޮށްގެންނެވެ. ނަމަވެސް ފަހުން އެމެރިކާގެ އެހެން މެޑިކަލް ރިސާޗަރެއް ކަމަށްވާ އެލްބާޓް ސަބިން ވަނީ އަނގައިން ދޭ ގޮތަށް ޕޯލިއޯއަށް ދޭނެ އޮރަލް ވެކްސިންއެއް ތައާރަފްކޮށްފަ އެވެ. އެ ވެކްސިންގައި ބޭނުންކޮށްފައިވަނީ ދިރޭ ވައިރަސްއެކެވެ.
ނަމަވެސް ފަހުން އޮރަލް ވެކްސިންވަނީ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރުން ހުއްޓާލައިފަ އެވެ. ނަމަވެސް އަދިވެސް ތަރައްގީވަމުން އަންނަ ގައުމުތަކާއި ފަގީރު ގައުމުތަކުގައި އަދިވެސް އޮރަލް ވެކްސިން ބޭނުންކުރެ އެވެ.