20 Oct 2011, 14:54
ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ކުޅޭ ތަން ނުފެންނަ ކަމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނުމުން، މެސީ އަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުން ވީޑިއޯ ތަކެއް ފޮނުވުމަށް ޕެލޭ ނިންމައިފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ކާކުތޯ އެހުމުން، ނުވަދިހަ ޕަސެންޓް މީހުން މިހާރު ބުނާނީ މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމެވެ. ބާސެލޯނާ އަށް ކުޅެމުންދާ އާޖެންޓީނާ ފޯވާޑް ދަނީ އެކުލަބަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށް ރެކޯޑު ތަކެއް ވެސް އާކުރަމުން ނެވެ.
އެހެން ނަމަވެސް ކުރީގެ ތަރިންނަށް ބަލާލާއިރު، އެތަރިންނަކީ ގައުމީ ޓީމަށް ވެސް ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ކުޅުންތެރިން ކަމަށް ކުޅިވަރު ދިރާސާ ކުރާސާ ބޭފުޅުން ބުނެއެވެ. ޕެލޭ، ޑިއޭގޯ މެރަޑޯނާ، މިޝެލް ޕްލެޓިނީ، ފްރާންޒް ބެކެންބާ ފަދަ ކުޅުންތެރިންނަކީ ގައުމަށް ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ ތަރިންތަކެއްކަން ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް މިހާރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ކުލަބު ފެންވަރުގައި ގިނަ ކާމިޔާބީ ތަކެއް ހޯދަމުންދާ ކުޅުންތެރިއަކަށް ވިޔަސް ގައުމީ މައިދާނުގައި ކާމިޔާބީ އެއް ލިބިފައިވާ ކުޅުންތެރިއެއް ނޫނެވެ.
ޕެލޭ ކުޅޭތަން ދުވަހަކުވެސް ފެނިފައި ނުވާ ކަމަށް މެސީ ބުނުމުން، ޒުވާން އާޖެންޓީނާ ފޯވާޑަށް އެއްޗެއް ހާސިލުކޮށްދޭން ބޭނުންވާކަމަށް ޕެލޭ ވަނީ ބުނެފައެވެ. ޕެލޭ އަކީ ތިން ވޯލްޑް ކަޕް ހޯދި ބްރެޒިލް ގައުމީ ޓީމަށް ކުޅެ، އެއް ހާސް ގޯލު ޖަހައިދިނުމުގެ އިތުރުން، އެކްޓަރެއް އަދި ޔުނިސެޕް ގެ އެމްބެސެޑަރެވެ.
ދެހާސް ހަތަރުވަނަ އަހަރު ނެރުނު ޕެލޭ އެޓާނޯ ކިޔާ ޑޮކިއުމެންޓަރީ ގެ ކޮޕީ އެއް މެސީ އަށް ފޮނުވުމަށް ޕެލޭ ވަނީ ވަޢުދު ވެފައެވެ. މި ޑޮކިއުމެންޓަރީ އިން ޕެލޭ ފުޓުބޯޅަ ކުޅުނު ޒަމާނުގެ ވީޑިއޯ ތައް ދައްކުވައި ދެއެވެ.
"ކުރީގެ ކުޅުންތެރިއަކާއި މިހާރުގެ ކުޅުންތެރިއަކާއި އަޅުވާ ކިއުމަކީ އާންމު ކަމެއް. މެސީ އަށް ހަގީގަތުގައި ވެސް އަހަރެން ފުޓުބޯޅަ ކުޅޭތަން ނުފެންނަ ނަމަ، ދެން އަހަރެން ޖެހޭނީ މެރަޑޯނާ އަށް ވެސް ކަންތައް ކުރި ގޮތަށް ކަންތައް ކުރަން. މެސީ އަށް އަހަރެން ފޮނުވާނަން 'ޕެލޭ އެޓާނޯ' ވީޑިއޯ." ޕެލޭ ބުންޏެވެ.
މެސީ އާއި ޕެލޭގެ ބަހުގެ ހަމަލާގެ ތެރެއަށް ކުރީގެ ބާސެލޯނާ ތަރި ބްރެޒިލްގެ ރޮމާރިއޯ ވެސް ވަދެފައި ވެއެވެ. މެރަޑޯނާ ކުރިއަށް އަރައި، ރޮމާރިއޯގެ ކުރިއަށް އެރުމަށްފަހު ޕެލޭ އާއި މެދު ވިސްނުމަށް މެސީ އަށް ރޮމާރިއޯ ގޮވާލިއެވެ.
"ޕެލޭ ގެ އެވީޑިއޯ ބަލައިފިނަމަ، ހަމަ ޔަގީނުންވެސް މެސީ އަށް ކަންތައްތަކެއް ދަސްވާނެ. މެސީ އާއި ޕެލޭ އާއި އަދި އަޅުވާކިއޭ ވަރެއް ނުވޭ. މެސީ އަށް ވޯލްޑް ކަޕެއް ކާމިޔާބު ވެފައި ނުވުމުން، ޕެލޭ އާއި އެއް ފެންވަރެއްގައި ކުޅެމުންދާ ކަމަކަށް ނުބެލެވޭނެ. އެއް ދުވަހެއްގައި އެ ފެންވަރަށް އާދެވޭނެ ކަމުގެ ހުރިހާ އުކުޅެއް މެސީ ގައިގާ އެބަހުރި. އެހެން ނަމަވެސް މެސީ ޖެހޭނީ ފުރަތަމަ މެރަޑޯނާ ގެ ކުރިއަށް އަރައި، އަހަރެންގެ ކުރިއަށް އެރުމަށް ފަހު ދެން އޭގެ ފަހުގައި ޕެލޭ އާ މެދު ވިސްނޭނީ." ރޮމާރިއޯ ބުންޏެވެ.
އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް މިހާރު އޮތީ މެސީ އަތުގަ އެވެ. އެންމެ ފަހުން މެސީގެ ކެޕްޓަން ކަމުގެ ދަށުގައި އާޖެންޓީނާ ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާ އާއި ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ބަލިވެފައި ވަނީ 1-0 ލަނޑުންނެވެ.