02 May 2019, 12:57
މާމިގިލީ އެއާޕޯޓުގައި އިއްޔެ ހަވީރު ހިނގި އެކްސްޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން އިތުރު ފަރުވާ އަށް މާލެ ގެނައި ތިން މީހުންގެ ހާލު ރަނގަޅުކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އިއްޔެ ހަވީރު 4:15 އެކާށް ހާއިރު، ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން ހާލު ސީރިޔަސްވި އެކަކު އިއްޔެ އދ. މާމިގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެކްސްޑެންގައި އަނިޔާވި ބާކީ ތިބި ތިން މީހުން އިތުރު ފަރުވާއަށް ރޭ 10:30 އެހާކަށްހާއިރު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އޭޑީކޭގެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އައްފާލް މިއަދު "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓްފަގައި އަނިޔާވެގެން ހޮސްޕިޓަަލަށް ގެނައި ތިން މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި ތިން މީހުންނަށް ވެސް އަދިވެސް ފަރުވާދެމުންދާ ކަމަށެވެ.
މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު އިއްޔެ "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެއާޕޯޓު ތެރޭ ޖޯލީގައި މީހުން ތިއްބައި އެވަގުތު އެތަނުން ދުއްވާފައި ދިޔަ ވެހިކަލް ކޮންޓްރޯލްނުވެ ޖޯލީގައި ޖެހިގެން ކަމަށެވެ.
އޭނާ އިއްޔެ ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް ތިން މީހެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އިއްޔެ މަރުވީ، ފައި ބިންދައިގެން ދިޔަ، އދ. މާމިގިލީ، ބިންމާ، އަހްމަދު ރަޝީދު އަބްދުއްޝަކޫރު، 30 އެވެ.
މިއަހަރު މިހާތަނަށް އެކްސިޑެންޓްގެ 860 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި ނިމިދިޔަ އެޕްރީލް މަސް ތެރޭ 238 މައްސަލައެއް ހިމެނެއެވެ.