ސްޕެއިންގެ ކުރީގެ ގޯލް ކީޕަރު އިކާ ކަސިޔަސްއަށް އިއްޔެގެ ވަގުތެެއްގައި ހާޓް އެޓޭކެއް ޖެހި ފަރުވާ ހޯދިއިރު އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާ ކުރި ޓްވީޓެއްގައި ބުނެފި އެވެ.

ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ ކަސިޔަސްއަށް ހާޓް އެޓޭކް ޖެހިފައި ވަނީ ޓީމާއެކު ފަރިތަކުރުން ނިންމާލި ވަގުތުގަ އެވެ. ކުޅެ ނިންމާލި ވަގުތު މެޔަށް ތަދުވާކަމަށް ބުނުމުން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭނާއަށް ދިމާވީ ސިއްހީ ނުރައްކާތެރި ހާލަތެއް ކަމަށް ޕޯޓޯއިން ބުނެއެވެ.

ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު ކަސިޔަސް އަކީ މިހާތަނަށް ގައުމީ ޓީމާއި ކުލަބާ އެކު އެންމެ ގިނަ ކާމިޔާބީތައް ހޯދި އެއް ކުޅުންތެރިޔާއެވެ. ޖުމްލަ 725 މެޗު އޭނާ ރެއާލް މެޑްރިޑަށް ކުޅެފައިވާ އިރު އޭނާ ވަނީ އެ ޓީމާ އެކު ތިން ފަހަރަކު ޗެމްޕިއަންސް ލީގާއި ފަސް ފަހަރު ސްޕެނިޝް ލީގު ތަށި އުފުލާލާފަ އެވެ.

މީގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމާ އެކު ކަސިޔަސްގެ ކެޕްޓަން ކަމުގެ ދަށުގައި ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ދެ ފަހަރެއްގެ މަތިން ޔޫރޯގެ ތަށިވެސް ހޯދާފަ އެވެ.

ކަސިޔަސްއަށް އިއްޔެ ދިމާވި ހާލަތާ އެކު ގިނަ އަދަދެއްގެ ފުޓުބޯޅަ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ވަނީ ހިތްްވަރު ދިނުުމުގެ ގޮތުން މީސްމީޑިއާގައި އޭނަގެ ފޮޓޯ ޖަހާ މެސެޖްތައް ލިޔެފަ އެވެ. ޕޯޗުގަލްގެ ސީޔޫއެފް ހޮސްޕިޓަލުގައި މިހާރު ފަރުވާ ހޯދަމުން އަންނަ ކަސިޔަސް ވަނީ ރޭގެ ވަގުތެއްގައި ހިތްވަރު ދިން ކަމަށްޓަކައި ޝުކުރު އަދާ ކުރަމުން ޓްވީޓެއް ކޮށްފަ އެވެ.

https://twitter.com/IkerCasillas/status/1123664609641103360

އޭނާގެ ޓްވީޓުގައި ބުނެފައި ވަނީ ހުރިހާ ކަމެއް މިހާރު ހަމައަކަށް އެޅިފައިވާ ކަމަށާއި މި ދިމާވި ހާދިސާގައި ހިތްވަރު ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.