20 Oct 2011, 14:49
ފުރަތަމަ އެގާރައިން ޖާގަ ބޭނުންވި ނަމަވެސް ޗެލްސީގައި އުފަލުގައި ހުރިކަމަށް އެ ކްލަބުގެ އައިވަރީ ކޯސްޓް ފޯވާޑް ސަލަމަން ކަލޫ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި ރޭސިންގް ގެންކާއި ދެކޮޅަށް ރޭ ކުޅެ 5-0 ލަނޑުން މޮޅުވި މެޗުގެ ފަހު ލަނޑު ޗެލްސީ އަށް ކާމިޔާބު ކޮށްދިން ކަލޫ އެލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ފަހު އެވެ. ރޭގެ މެޗު ވެގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީ ޓީމުން ކަލޫ ފެނުނު 99 ވަނަ ފަހަރަށެވެ. ނަމަވެސް މިހާރު ކަލޫ ބޭނުންވަނީ ފުރަތަމަ އެގާރައަށް ކުޅުމަށެވެ.
އުމުރުން 26 އަހަރުގެ ކަލޫ އާއި ޗެލްސީ އާއި ހަދާފައިވާ އެއްބަސްވުން މިސީޒަނުގައި ހަމަވާނެ އެވެ. އެހެން ކަމުން ހިލޭ ޓްރާންސްފާ އެއްގައި ފޮނުވާލުމުގެ ބަދަލުގައި އަންނަ ޖެނުއަރީ ގައި ރަނގަޅު އަގެއްގައި ކަލޫ ފޮނުވާލައިފި ނަމަ އެޓީމަށް ފައިދާ ވާނެ އެވެ.
"ގިނަ ވަގުތު ކުޅެން ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނެ. ކޮންމެ މެޗެއްގައި ނުކުޅޭ ނަމަ، އެކުޅުންތެރިއެއް ކުރިއަރައިގެނެއް ނުދާނެ. ކުލަބާއެކު ވާހަކަ ދައްކަމުން މިދަނީ. ރަނގަޅު ގޮތެއް ވާނެކަމަށް އުންމީދު ކުރަން. އަހަރެން ޗެލްސީ ގައި ހުންނަން ބޭނުން. ޗެލްސީ އަކީ ވަރަށް ބޮޑަށް ކުރިމަގަށް ވިސްނާ ކުލަބެއް. އަހަރެންނަކީ އަދި ޒުވާން ކުޅުންތެރިއެއް. އެހެންކަމުން އަހަރެންގެ ކުރިމަގަކީ ޗެލްސީ ކަމަށް ވެސް ވެދާނެ." ކަލޫ ބުންޏެވެ.
ކަލޫ އަކީ ތިން އަހަރު ދުވަހު ހޮލެންޑްގެ ފެޔެނޫޑް އަށް ކުޅުމަށްފަހު، 2006 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ކުޅުންތެރިއެކެވެ. 30 މެއި 2006 ން ފެށިގެން ޗެލްސީ އަށް ކުޅުމަށް ކަލޫ އެއްބަސްވީ ނުވަ މިލިޔަން ޕައުންޑަށެވެ.