02 May 2019, 10:37
ވޮޝިންޓަން (މޭ 2) : ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ލީބިޔާގެ ވާދަވެރި އެކި ފަތާތްތަކުގެ އިސް މަސްއޫލުވެރިންނާ ފުޅާދާއިރާއެއްގައި ވާހަކަ ދައްކަމުން ގެންދާކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ލީބިޔާގެ ގިނަ އަދަދެއްގެ މަސްއޫލުވެރިންނާ އެމެރިކާ ވާހަކަ ދައްކަމުން ގެންދާއިރު އޭގެތެރޭގައި ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުގެ މަސްއޫލުވެރިންނާ އަދި ޓްރިޕޮލީގައި ވެރިކަންކުރާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ މަސްއޫލުވެރިންގެ އިތުރުން މިދެފަރާތަށް ވާގިވެރިވާ ގަބީލާތަކުގެ އިސްފަރާތްތައްވެސް ހިމެނޭކަމުގަ އެވެ.
ލީބިޔާގެ އިރުމައްޗާ އަދި ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކާއި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޓްރިޕޮލީގައި ދިރިއުޅޭ ތިން މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާއިރު އާންމުންގެ އެތައް ސަތޭކަ ބަޔަކު ފާއިތުވި ހަފްތާތަކުގައިވަނީ މަރުވެފަ އެވެ. އަދި ޓްރިޕޮލީގެ އާންމުން ދަނީ ފުރާނަ ސަކާމަތް ކުރުމަށް ޓަކައި ގެދޮރު ދޫކޮށް ވަރަށް ދަތި ހާލުގައި ލީބިޔާގެ އެކި ތަންތަނަށް ހިޖްރަކުރަމުންނެވެ.

ހަފްތަރާ ދެޮކޮޅަށް ޓްރިޕޮލީގައި މުޒާހަރާ ކުރަނީ
ޖެނެރަލް ހަފްތަރު ފަށާފައިވާ ހަނގުޜާމައިގެ ސަބަބުން ޓްރިޕޮލީގެ އިންފްރާސްޓްރަކްޗާ ހަލާކުވެ މުޅި ސިޓީ ބިމާހަމަވެ ވީރާނާވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ވިދާޅުވީ ލީބިޔާގައި ހިނގާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ލީބިޔާގެ ވާދަވެރި މަސްއޫލުވެރިންނާ ވާހަކަ ދެއްކުމުގެ އިތުރުން ލީބިޔާގެ އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ ފަރާތްތަކާ ވެސް އެމެރިކާ ވާހަކަ ދައްކަމުން ގެންދާކަމުގަ އެވެ.
ޖެނެރަލް ހަފްތަރަށް އެހީތެރިވާކަމުގެ ތުހުމަތު ކުރެވެނީ މިސްރު، ޔުނައިޓެޑް އަރަބް އިމަރޭޓްސް އަދި ސައޫދީ އަރަބިޔާގެ މައްޗަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ފޯނުން ގުޅުއްވައި ހަފްތަރަށްވަނީ ހިއްވަރު ދެއްވައިފަ އެވެ. މިއާ އެކު އެމެރިކާގެ މައްޗަށް ވެސް ވަނީ ހަފްތަރަށް ތާއީދުކުރާ ކަމުގެ ތުހުމަތު ކުރެވިފަ އެވެ. ހަފްތަރާ މިދިޔަ ހަފްތާގައި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގައި ހަނގުރާމަ ހުއްޓާލުމާ އަދި ލިބިއަށް ސުލްޙަ ގެނައުމާ ބެހޭ ގޮތުން ޓްރަމްޕް ވާހަކަ ދައްކަވާފައިނުވާއިރު ޓްރަމްޕްވަނީ ހަފްތަރުގެ ހަމަލާތަކަށް ހިއްވަރު ދެއްވައިފަ އެވެ.
ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާ ދެކޮޅަށް މިސްރު، ޔުނައިޓެޑް އަރަބް އިމަރޭޓްސް އަދި ސައޫދީ އަރަބިޔާއިން ހަފްތަރަށް ވާގިވެރިވަނީ އެސަރުކާރަކީ ލިބިޔާގެ އިސްލާމީ ފިކުރުގެ ޖަމާއަތްތަކުގެ ތާއީދު ލިބިފައިޥާ ސަރުކާރަކަށް ވާތީކަމަށް ރިޕޯޓްތައް ބުނެއެވެ. ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ތާއީދުކުރާ ކަމުގެ ތުހުމަތު ކުރެވިފައިވަނީ ތުރުކީއާއި ގަތަރުގެ މައްޗަށެވެ. ރަޝިޔާއަކީ ލީބިޔާގެ ވާދަވެރި ދެފަރާތާވެސް ގުޅުންބޮޑު ގައުމެކެވެ.
ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިންއާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބުއ އުރުދުޣާން އިއްޔެވަނީ ލީބިޔާގެ މައްސަލާގައި ފޯނުން މަޝްވަރާ ކުރައްވައިފަ އެވެ. ކްރެމްލިންގެ ތަރްޖަމާން ޑިމިޓްރީ ބިސްކޯވް ވިދާޅުވީ ޕޫޓިންއާއި އުރުދުޣާންގެ ފޯން މަޝްވަރާތަކުގެ ބޮޑުބައި އަމާޒުކުރެއްވީ ލީބިގައި ހިނގަމުންދާ ހަނގުޜާމަ ހުއްޓުވުމަށް ދެގައުމު ގުޅިގެން ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން ކަމަށާ ލީބިޔާގައި ހިނގާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ދެބޭފުޅުން ގޮވާލެއްވި ކަމުގަ އެވެ.
ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އާއި އެސިޓީގެ ވަށައިގެންވާ ރައްތަކާއި އަވައްތަކުގައި ހަނގުރާމަ ފެށިފައިވަނީ ޓްރިޕޮލީ ގަދަބާރުން ހިފައި މުޅި ލީބިޔާ، ހަފްތަރުގެ ބާރުގެ ދަށަށްގެނަސް ލީބިޔާގެ ވެރިކަމަށް ހަފްތަރު ގެނައުމަށް މިސްރު، ޔުނައިޓެޑް އަރަބް އިމަރޭޓްސް އަދި ސައޫދީ އަރަބިޔާ ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުންކަމަށް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ބުނެ އެވެ. ހަފްތަރު ހަމަލާތައް ފެށީ ލީބިޔާގައި އެއް ސަރުކާރު އުފައްދުމަށް ޓަކައި ވާދަވެރި ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް ސުލްޙައިގެ ވާހަތަކެއް ފެށުމަށް އދ. ން ތައްޔާރުވަމުން ގެންދަނިކޮށެވެ. (ނޫސްއެޖެންސީތައް)