02 May 2019, 10:49
ކާމިޔާބު ޑައިރެކްޓަރު، ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަންސް ހިންގަމުން ދިޔަ އިމާރާތުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މުމްބާއީގައި ހުންނަ ތިން ބުރީގެ އެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވަނީ އަންގާރަ ދުވަހު އެވެ. ފުރަތަމަ އަލިފާން ރޯވީ ގުދަނުގަ އެވެ. ނަމަވެސް ފަހުން މުޅި އިމާރާތަށް އަލިފާން ފެތުރިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އޮފިސަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ އަލިފާން ރޯވީ ކަރަންޓު ވަޔަރިންގެ މައްސަލައެއް ދިމާވެގެން ކަމަށެވެ.
އެ ހާދިސާގައި ގުދަނުގައި ހުރި ބައެއް ޕްރޮޕްސް އާއި، ފަރުނީޗަރުގެ އިތުރުން އޮފީސް ފައިލްތަކާއި އެހެނިހެން ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ހަލާކުވި ސާމާނުތަކުގެ ތެރޭގައި ދަރްމާ ޕްރޮޑަކްޝަން ހައުސްގެ ކުރިއަށް ހުރި ބައެއް ފިލްމުތައް ކަމުގައިވާ 'ސްޓުޑެންޓް އޮފް ދަ އިޔާ 2'، 'ގުޑް ނިއުސް'، 'ޑްރައިވް'، 'ބްރަހްމާޝްތުރަ' އަދި 'ތަޚްތު'ގެ ސާމާނު ހިމެނެ އެވެ.
ނަމަވެސް ދަރްމާ ޕްރޮޑަކްޝަންސްގެ ފަރާތުން ހާދިސާއާ ގުޅޭ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
ދަރްމާ ޕްރޮޑަކްޝަންސް އަކީ ކަރަންގެ ބައްޕަ ޔަޝް ޖޯހަރު 1979 ވަނަ އަހަރު އުފެއްދި ޕްރޮޑަކްޝަން ހައުސް އެކެވެ. ދަރްމާ ޕްރޮޑަކްޝަންސް އާ ކަރަން ހަވާލުވީ 2004 ވަނަ އަހަރު، ޔަޝް މަރުވުމަށް ފަހު އެވެ.
ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 'ކުޗް ކުޗް ހޯތާ ހޭ'، 'ކަބީ ޚުޝީ ކަބީ ޤަމް'، 'ދޯސްތާނާ'، 'އަގްނީޕަތު'، 'ކޭސަރީ'، 'ކަބީ އަލްވިދާ ނާ ކެހެނާ'، އަދި 'ވޭކް އަޕް ސިޑް' ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.