02 May 2019, 09:46
މި އަހަރުގެ ފުރަތަމަ ކުއާޓާ ނޫނީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މުހިންމު ހަތަރު ސިނާއަތުގައި ވަޒީފާތައް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ރާއްޖޭގެ މުހިންމު ސިނާއަތްތަކުގައި ހަރަކާތްތެރިވާ 98 ވިޔަފާރިއަކާ ސުވާލުކޮށް މަރުކަޒީ ބޭންކުން ތައްޔާރު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ބިޒްނަސް ސާވޭ ރިޕޯޓްގެ ހުލާސާގައި ބުނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވަޒީފާތައް އިތުރުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ބުނެފައިވާ ކަމަށެވެ.
ސާވޭގެ ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކަށް ބަލާ އިރު، ސާވޭގައި ބައިވެރިވި ކޮންސްޓްރަކްޝަން ދާއިރާގެ 35 ވިޔަފާރިއަކުން ބުނީ އެ މީހުންގެ މުވައްޒަފުން މި އަހަރުގެ ފުރަތަމަ ތިން މަހު އިތުރުވެފައިވާ ކަމަށެވެ. އަދި އިތުރު ވަޒީފާއެއް ނުއުފެދޭ ކަމަށް އެ ދާއިރާގެ 31 ވިޔަފާރިއަކުން ބުނި އިރު ވަޒީފާތައް ދަށްވި ކަމަށް ބުނެފައި ވަނީ 34 ވިޔަފާރިއެކެވެ.
އުފެއްދުންތެރި ކަމުގެ ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން 19 ވިޔަފާރިއަކުން ބުނެފައި ވަނީ އެ މީހުންގެ ވިޔަފާރިތަކުން ވަޒީފާ އިތުރުވި ކަމަށެވެ. އަދި 79 ވިޔަފާރިއަކުން ބުނީ ވަޒީފާތަކަށް އެއްވެސް ބަދަލެއް އައިސްފައި ނެތް ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ 58 ކުންފުންޏަކުން ބުނީ އެ މީހުންގެ ވިޔަފާރީގައި ވަޒީފާތައް އިތުރުވި ކަމަށެވެ. އަދި ވަޒީފާތައް އިތުރު ނުވާ ކަމަށް ބުނީ 16 ވިޔަފާރިއަކުން އެވެ. އަދި ހޯލް ސޭލް ކުރުމާއި ރިޓެއިލް ދާއިރާއިން ވެސް 27 ކުންފުންޏަކުން ބުނެފައި ވަނީ ވަޒީފާތައް އިތުރުވި ކަމަށެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާ ނޫން އެހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބުނެފައި ވަނީ، މިހާރު މިހިނގާ މި އަހަރުގެ ދެ ވަނަ ކުއާޓާގައި ވަޒީފާތައް އިތުރުވެގެން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސާވޭ ރިޕޯޓުން އިތުރަށް ދެއްކި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރި ކުރި ނާރާ އެއް ވަރެއްގައި ހިފެހެއްޓިފައި އޮތީ އުފެއްދުންތެރިކަމުގެ ދާއިރާ އެވެ. ޓޫރިޒަމް، އިމާރާތް ކުރުން އަދި ހޯލްސޭލްގެ ވިޔަފާރިތައް ވަނީ ކުރިއަރައިފަ އެވެ. އަދި ޓޫރިޒަމްގެ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތަކުން ބުނެފައި ވަނީ މި ހިނގާ ކުއާޓާގައި ވެސް އެ މީހުންގެ ވިޔަފާރިތައް ރަނގަޅު ވާނެ ކަމަށެވެ. ޓޫރިޒަމް ސެކްޓާގެ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ، އެ މީހުންގެ ވިޔަފާރި ދަށަށް ދާނެ ކަމަށް ލަފާވަނީ ޓޫރިޒަމްގެ ލޯ ސީޒަން ކުރިމަތިވާތީ ކަމަށެވެ.
ވިޔަފާރިތަކަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ، ބޭންކްތަކުން ފައިސާ ލިބުމުގައި ހުރި ތާށި ކަމާއި ވަޒީފާތަކަށް އެކަށީގެންވާ ތަމްރީން ލިބިފައިވާ ދިވެހިން ނުލިބުން ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.