20 Oct 2011, 14:45
އަމިއްލަ ދަނޑުގައި ކުޅޭ ކޮންމެ މެޗަކީ މެންޗެސްޓާ ޔުނައިޓެޑްގެ މެޗެއް ކަމަށް އެ ކުލަބުގެ ޕޯޗުގަލް ތަރި ނާނި ބުނެފި އެވެ.
ޕްރެމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެނބުރި ލީގުގެ އެއްވަނަ މަގާމަށް އެރޭނެ ކަމަށް ނާނި ގަބޫލު ކުރެއެވެ.
ލީގުގެ އެއްވަނަ މަގާމުގައި އޮތް މެންސިޓީ އިން އަންނަ ހޮނިހިރު ދުވަހުގެ މެޗަށް ނުކުންނައިރު، މިސީޒަނުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފައި ވެއެވެ. އަނެއް މެޗުގައި ފުލަމް އަތުން 2-2 ލަނޑުން އެއްވަރު ވުމުގެ ސަބަބުން ދެޕޮއިންޓް ގެއްލިފައި ވެއެވެ.
މެންޔުނައިޓެޑް އިން މިސީޒަނުގައި ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން އެއްވަރު ވެފައި ވުމުން އޮތީ ލީގުގެ ދެވަނާގަ އެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ މެންޔުނައިޓެޑް ގެ މެޗެއް ކަމަށް ނާނި ބުނެއެވެ.
"މިވަގުތު މެންސިޓީގައި މޮޅެތި ކުޅުންތެރިން ހިމެނޭ ސްކޮޑެއް އެބައޮތް. އެމީހުން ވަރަށް ރަނގަޅަށް ކުޅެމުންދޭ. އެހެން ކަމުން މެންސިޓީ އަތުން މޮޅުވުމަކީ އުނދަގޫ ކަމެއް. އެހެން ނަމަވެސް އަހަރެމެން ނަކީ ޔުނައިޓެޑްކަން ހަނދާން ނައްތާލައިގެން ނުވާނެ. އަމިއްލަ ދަނޑުގައި އިތުބާރާއި އެކު ކުޅެން ޖެހޭނެ. އަމިއްލަ ދަނޑުގައި އަހަރެމެން ބަލިކުރުމަކީ އުނދަގޫ ކަމަކަށް ވާނެ. މިސީޒަން ފެށުނީއްސުރެ މެންސިޓީ އިން މޮޅު ކުޅުމެއް ދައްކަމުންދޭ. އޭގެ އިތުރުން ޗެލްސީ ވެސް އެދައްކަނީ މޮޅު ކުޅުމެއް." ނާނި ބުންޏެވެ.
މެންޔުނައިޓެޑް އެއްވަނަ އަށް އަރަން ބޭނުންނަމަ، މެންސިޓީ އަތުން މޮޅުވުން މަޖުބޫރު ވާނެއެވެ. އެއްވަރު ވެއްޖެނަމަ ތިންވަނާގައި އޮތް ޗެލްސީ އަށް ދެވަނަ އެރުމުގެ މަގު ފަހުވެގެން ދާނެއެވެ.