01 May 2019, 21:51
ކުކުޅާއި ހާލަކީ ދިވެހީންނަށް އާ އެއްޗެއް ނޫނެވެ. ގިނަ ބަޔަކަށް ހަމަ ލޮލަށް ވެސް ހުންނާނީ ދިރޭ ކުކުޅު ފެނިފައެވެ. އެއްކޮށް ކަޅު ކުލައިގައި ހުންނަ ކުކުޅެއް ނުވަތަ ހާލެއް ދުވަހަކު ވެސް ދުށިން ހެއްޔެވެ؟ ނަމަވެސް އިންޑޮނޭޝިއާއަށް ޚާއްސަ ބާވަތެއްގެ ކުކުޅުތައް ހުންނަނީ އާދަޔާ ޚިލާފަށް ކަޅު ކުލައިގައެވެ. އެ ސަބަބާ ހުރެ މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ވެސް ކުކުޅެވެ.
އަޔާމް ސެމާނީ ނުވަތަ އިންޑޮނޭޝިއާގެ ކުކުޅަކީ އެ ބޭރުން ބަލާލާއިރު ކަޅުކޮށް ފެންނަ ކުކުޅަކަށް ވެފައި އޭގެ ކަށްޓާ ހަމައަށް ވެސް އެއްކޮށް ކަޅު ކުކުޅެކެވެ. ކުކުޅުގެ މަސް ވެސް ހަމަ ހުންނަނީ ކަޅު ކުލައެއްގައެެވެ.

އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ޖާވާގައި އާންމުކޮށް ގެންގުޅުނު މި ކުކުޅަކީ ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ. ނަމަވެސް އެ ސަރަހައްދުގައި މިފަދަ ކުކުޅުތައް އިތުރަށް އާލާ ކުރުމަށް މަސައްކަތްކޮށް މިހާރު ވަނީ މިކަމުގެ ޚާއްސަ ވިޔަފާރިއެއް ފަށާފައެވެ.
މި ކުކުޅުތައް ކަޅުވާން ދިމާވާ ސަބަބަކީ މި ކުކުޅުތަކަކީ ކްރޮސް ބްރީޑް ކުރުމުގެ ނަތީޖާއަކަށް ވުމެވެ. އޭގެ ސަބަބުން މި ކުކުޅުތަކުގައި ގިނަ އަދަދަކަށް ޕިގްމެންޓޭޝަން ހުރެއެވެ. މިއީ ފައިބްރޯމެލަނޯސިސް ނަމަކަށް ކިޔާ ޖެނެޓިކް ޕިގްމެންޓޭޝަނެކެވެ.

މި ކުކުޅުތަކާ ގުޅޭގޮތުން ތަފާތު އެކި ކަހަލަ ފުލޯކު ވާހަކަތައް ވެސް ދެކެވެއެވެ. އޭގެތެރެއިން އެއް ވާހަކައަކީ މީގެ ކުކުޅުތަކަކީ ވަރަށް ނަސީބު ރަނގަޅުކޮށްދޭ އެއްޗަކަށް ވުމެވެ. އެހެންވެ އިންޑޮނޭޝިއާގެ ތެރޭގައި ވެސް މި ކުކުޅު ވަރަށް މަގުބޫލެވެ.
މިހާރު މި ކުކުޅު ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓު ކުރަން ފަށާފައިވާއިރު މިއިން ކުކުޅެއްގެ އަގު ވެސް ވަރަށް ބޮޑެވެ. އެގޮތުން މިއިން ކުކުޅެއްގެ އަގު އެވަރެޖުކޮށް އުޅެނީ 2،000 އެމެރިކާ ޑޮލަރާއި 5،000 އެމެރިކާ ޑޮލަރާ ދެމެދުގައެވެ.