މިއަދު ހަވީރު މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޓެންގައި އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު 4:15 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން ނިޔާވީ އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު، އދ. މާމިގިލީ، ބިންމާ، އަހްމަދު ރަޝީދު އަބްދުއްޝަކޫރު، 30 އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ސަން" އަށް ވިދާޅުވީ އޭނާ ވެސް ހިމެނޭގޮތަށް އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުން މާލެ ގެންދިޔުމުގެ މަސައްކަތް މިއަދު ހަވީރު ކުރި ކަމަށެވެ. ނަމަވެސް ދަތުރު ކުރެވޭވަރަށް ވުރެ ވެސް އޭނާގެ ހާލު ސީރިއަސްކަމުން އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.

"މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 19:37 ގައި ނިޔާވީ،" އިޒްމިއާ ވިދާޅުވިއެވެ.

ނިޔާވި މީހާއަކީ އެ އެކްސިޑެންޓުގައި ފައި ބިންދައިގެން ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

"އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން ޒަޚަމެއް ފެންނާކަށް ނެތް. ނަމަވެސް ނޭވާލާން އުނދަގޫ ކަމަށް ފާހަގަކުރެވިފައިވަނީ،" އިޒްމިއާ ވިދާޅުވިއެވެ.

މާމިގިލީ ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދު "ސަން" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެއާޕޯޓު ތެރޭ ޖޯލީގައި މީހުން ތިއްބައި އެވަގުތު އެތަނުން ދުއްވާފައި ދިޔަ ވެހިކަލް ކޮންޓްރޯލްނުވެ ޖޯލީގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާ ލިބުނު އަނެއް ތިން މީހުން މިހާރު ވަނީ ލޯންޗެއްގައި މާލެ ފުރުވާލާފައެވެ.