ޓެލެކޮމް ކުންފުނި، އުރީދޫއަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭ ނޫނީ ފުރަތަމަ ކުއާޓާގައި ލިބުނު ސާފު ފައިދާ 10 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނީގެ ވެބްސައިޓްގައި އާންމު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓްގައިވާ ގޮތުގައި އެ ކުންފުންޏަށް ވަނީ ފުރަތަމަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި 163 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު ފައިދާއަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ރިޕޯޓްގައި ބުނީ ކުންފުނީގެ ފައިދާ، އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ގޭގެއަށް ދޭ އިންޓަނެޓް ބްރޮޑްބޭންޑްގެ ހިދުމަތް "ސުޕަނެޓް" ވިޔަފާރި ރަނގަޅު ވުމާއި ރޯމިންގެ ހިދުމަތުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ.

އުރީދޫގެ އާމްދަނީއަށް މިދިޔަ ކުއާޓާގައި 507 މިލިއަން ރުފިޔާ ލިބުނު އިރު، "ސުޕަނެޓް" ހިދުމަތާއި ރޯމިން ހިދުމަތުން ލިބުނު އާމްދަނީ ދެ ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އުރީދޫގެ އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު، 5.4 ޕަސެންޓްގެ ކުރިއެރުމެއް ހޯދައިފަ އެވެ.

އުރީދޫއިން ވަނީ މިދިޔަ ކުއާޓާގެ ތެރޭގައި ވެސް ސުޕަނެޓްގެ އިތުރު ޕެކޭޖްތައް ވެސް ތައާރަފްކޮށްފަ އެވެ.

އުރީދޫގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މާޗްމަހު ތެރޭ ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން، 88 ޕަސެންޓް ވަނީ ހިއްސާދާރުންނަށް ބަހަން ފާސްކޮށްފަ އެވެ. އެއީ ހިއްސާއަކަށް 3.22 ރުފިޔާ އެވެ.