01 May 2019, 16:53
ދިއްލީ (މެއި 1): އިންޑިއާގެ މަހާރަޝްތުރާގައި ދެ އުޅަނދަކަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން 15 ފުލުހުންނާއި އިތުރު މީހަކު މަރާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
މަހާރަޝްތުރާގެ ޕޮލިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެސްޓޭޓުގެ ގަޑްޗިރޮލީގައި ހަމަލާދިން މީހުން ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ)އެކެވެ. އެހަމަލާ ދީފައި ވަނީ އެގައުމުގައި ވަކިވެގަނެގެން އުޅޭ މައޮއިސްޓް ޖަމާއަތުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ.
އިންޑިއާގެ އާއްމު އިންތިހާބު މިދިޔަ މަހުގެ 11ގައި ފެށުމުގެ ކުރިން ވެސް އެޖަމާއަތުން ހަމަލާއެއް ދީފައިވެ އެވެ. އެގޮތުން މިދިޔަ މަހުގެ ނުވައެއްގައި ޗައްތިސްގަރުގައި ދިން ހަމަލާގައި ފަސް މީހުން މަރުވި އެވެ. އޭގެ ތެރޭގައި އެސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހަށް ނިސްބަތްވާ މެމްބަރެއް ވެސް ހިމެނުނެވެ.
އިންޑިއާގެ ހަތަރު ސްޓޭޓެއްގައި މިހާރު ހަރަކާތްތެރިވާ ކަމަށް ބެލެވޭ މައޮއިސްޓުން ބުނާ ގޮތުގައި އެމީހުން ހަނގުރާމަ ކުރަމުން ދަނީ ކޮމިއުނިސްޓު ވެރިކަމެއް ގާއިމު ކުރުމަށާއި ފަގީރުންނަށް ހައްގުތައް ހޯދައި ދިނުމަށެވެ.
ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ އާއްމު އިންތިހާބު ނިމޭނީ މިމަހުގެ 19އިގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ 23ގަ އެވެ.