02 May 2019, 16:23
ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެސް ވަސީލަތްތައް ބޭނުންކޮށްގެން ހޯދާ އާމްދަނީގެ ބައެއް، އަތޮޅުގެ ރައްުޔިތުންނަށް ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިންގެ 50 މިނިޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުއޫދު ވަނީ މާލީ ގޮތުން ލާމަރުކަޒުކުރުމަކީ ތަރައްގީގެ މުސްތަގުބަލު ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ހީވަނީ އަތޮޅުން ލިބޭ އާމްދަނީގެ ބައެއް، އެ އަތޮޅަކަށް ލިބެންޖެހޭނެހެން. އެ ނޫން ގޮތަކަށް މުސްތަގުބަލެއް އޮތް ކަމަކަށް ނުދެކެން ރާއްޖޭގައި،"
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އައްޑޫ އަތޮޅު މެމްބަރުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވީ ބައެއް އަތޮޅުތަކުގައި މިވަގުތު ބައެއް ވަސީލަތްތައް ގާއިމުކުރެވިފައި ނެތް ނަމަވެސް، ހަމަހަމަ ގޮތަކަށް އެކަން ކުރެވިދާނެ ކަމަށެވެ.
"ނިސްބަތުން އަތޮޅުގެ ވަސީލަތްތައް ބޭނުންކޮށްގެން ލިބޭ އާމްދަނީން ބައެއް، އެ އަތޮޅުތަކަށް ދީގެން އެކަން ކުރެވެން ޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރެވޭނެ ކަމެއް،" ސުއޫދު ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ މިހާރު ރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމަށް ބޭނުންކުރާ ނިޒާމުގެ ހަރަދު މާ ބޮޑު ކަމަށެވެ. އަދި ގާނޫނު އަސާސީގައި އޮންނަ، ލާމަރުކަޒީ ނިޒާމުގެ ބާބު އަލުން ލިޔެ އެކުލަވާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ އިދާރީ ގޮތުން ހިންގުމުގެ ހަރަދުގެ ބޮޑުވުމެވެ.
"މައްސަލައަކީ [މިހާރުގެ ނިޒާމު] ރާއްޖެއަށް މާ ހަރަދ ބޮޑީ. ނިސްބަތުން އިދާރީ ހިންގުމަށް ހޭދަ ކުރަން ޖެހޭ ހަރަދުތައް ބޮޑީ. ހަރަދު ކުޑަ ނިޒާމެއް ބޭނުންވޭ،" ކުރީގެ ބަންޑާރަނައިބު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ގާނޫނު އަސާސީގައި އޮތް ލާމަރުކަޒީ ނިޒާމުގެ ބާބު އޮތީ "ޢެއްގޮތަކަށް ވެސް ރާއްޖޭގައި ހިންގޭނެ ގޮތަކަށް ނޫން" ކަމަށެވެ.
"މިހާރުގެ ތަޖުރިބާއަށް ބަލާފައި އޯވަހޯލް ކުރަން ޖެހޭ ހިސާބުގައި އޮތް އެއްޗެއް އެއީ،"
ލާމަރުކަޒީ ނިޒާމު އެކުލެވޭ ގޮތް:
- ސިޓީ ކައުންސިލަށް އިންތިހާބުކުރާނީ އެ ސިޓީގައި ހިމެނޭ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރު.
- އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ އަތޮޅުގައި ހިމެނޭ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރު. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއް ނަމަ އެ އަތޮޅު ކައުންސިލަށް އިންތިހާބުކުރާނީ ތިން މެމްބަރުން.
- އަތޮޅުގެ ކޮންމެ ރަށެއްގައި ރަށު ކައުންސިލެއް ހުންނާނެ. 3،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި އިންތިހާބުކުރާނީ ތިން މެމްބަރުން. 3،000 އަށް ވުރެ ގިނަ ނަމަ ފަސް މެމްބަރުން.
- ކައުންސިލުތަކުގެ އުމުރަކީ ތިން އަހަރު.