ކޮލަމްބޯ (މެއި 1): ސްރީލަންކާގައި މިދިޔަ ހަފްތާގައި ދިން ހަމަލާތައް ރޭވީ ބޭރު ގައުމެއްގެ މީހަކަށްވުން އެކަށީގެންވާ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ އެފަދައިން ވިދާޅުވީ، ލަންކާއަށް ދިން ހަމަލާތަކުގެ ޒިންމާ އައިއެސްއިން ނެގި ފަހުންނެވެ. އަދި އެހަމަލާތައް ދިނީ ސީރިއާގައި އައިއެސް އިން ހިފާފައި އޮތް ބާޣޫޒްގެ ކޮންޓްރޯލު އަތުލުމުން، ބަދަލު ހިފުމުގެ ގޮތުން ކަމަށް އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ބުނި ފަހުންނެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި ފާއިތުވި 10 އަހަރު ތެރޭ އައިއެސްއާ ގުޅުމަށް ލަންކާގެ މަދު ބަޔަކު ގައުމުން ބޭރަށް ގޮސްފައިވާކަން ކަމާ ބެހޭ ފަރާތްތަކަށް އެނގެ އެވެ. އަދި އެޖަމާއަތުން މިހާރު ގެންގުޅޭ އާ ސްޓްރެޓެޖީއަކީ ކުދި ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުން ކަމަށްވެދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ފުލުހުން ބުނާ ގޮތުގައި އީސްޓާ ސަންޑޭގެ ހަމަލާތައް ދިނީ އެގައުމުގެ ހަނގުރާމަވެރި ދެ ޖަމާއަތް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީީޖޭ) އާއި ޖަމިއްޔަތުލް މިއްލަތު އިބްރާހިމް (ޖޭއެމްއައި) ގުޅިގެން، ބޭރުގެ އެހީއާ އެކުގަ އެވެ. އަދި އެދުވަހު އަމިއްލައަށް މަރުވެގެން ހަމަލާދިން މީހުންގެ ތެރޭގައި އެންޓީޖޭގެ ލީޑަރު ޒަހްރާން ހާޝިމް ހިމެނެ އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން ފުލުހުން ވަނީ 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.