01 May 2019, 15:44
މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 9.4 ބިލިޔަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޓީއޯ އަށް މިދިޔަ އހަަރު ލިބުނު ފައިދާ ވަނީ އޭގެ ކުރީ އހަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރުވެފަ އެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވުން ކަމަށެވެ. އެގޮތުން އަހަރުން އަހަރަށް ވަލާއިރު މިދިޔަ އަހަރު ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯ އަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 25 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކަށް ބަލާއިރު ތެލުގެ ވިޔަފާރިން އެކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 47 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ކުންފުނީގެ ފައިދާ އެކަށީގެންވާ ވަރަކަށް ކުރިއަރަމުންދާ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ވަނީ ބޮޑު ފައިދާ އެއް ލިބިފަ އެވެ.
މިދިޔަ އަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ހިއްސާ ދާރަކަށް 58 ރުފިޔާ ބެހުމަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މެއި 16 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.