01 May 2019, 12:34
ކޮލަމްބޯ (މެއި 1): ސްރީލަންކާގައި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ މައި ދެ ކުންފުނި ކަމަށްވާ ޑައެލޮގް އާއި އެސްއެލްޓީން ޕީސް ޓީވީ ދެއްކުން ހުއްޓާލައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާގެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކުގެ ޕީސް ޓީވީ ލަންކާގައި ދެއްކުން ހުއްޓާލާފައި ވަނީ މިމަހުގެ 21ގައި އެގައުމުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. ލަންކާއިން ބުނާ ގޮތުގައި އެހަމަލާތައް ދިނުމުގައި އިސްކޮށް އުޅުނީ އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތް (އެންޓީޖޭ)އިންނެވެ. އަދި އައިއެސް އިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ.
މީގެ ކުރިން އިންޑިއާ އާއި ބަންގުލަދޭޝްއިން ވެސް ވަނީ ޕީސް ޓީވީ ދެއްކުން މަނާކޮށްފަ އެވެ. އިންޑިއާ އިން ޕީސްޓީވީ ދެއްކުން މަނާ ކުރީ ހަމަޖެނުޖެހުމާއި ހައްދުފަހަނައަޅާފައިވާ ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ އެވެ. އަދި ބަންގުލަދޭޝްގެ ސަރުކާރުން ޕީސްޓީވީ މަނާ ކުރީ 2016 ވަނަ އަހަރު އެގައުމުގެ ކެފޭއަކަށް ބަޔަކު ވަދެ 20 މީހަކު މަރާލި ހާދިސާއާ ގުޅިގެންނެވެ. އެއީ އެހަމަލާގައި ބައިވެރިވި މީހުންނަށް އެކަން ކުރުމަށް ހިތްވަރު ލިބުނީ ޒާކިރު ނައިކުގެ ދަރުސްތަކުގެ ސަބަބުން ކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ.
ޒާކިރު ނައިކާއި ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ބުނެ 2016 ވަނަ އަހަރު އިންޑިއާ އިން ތަހުގީގެއް ފެށި ފަހުން އޭނާ ދިރިއުޅެމުން ދަނީ މެލޭޝިއާގަ އެވެ.
ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް މިދިޔަ ހަފްތާގައި ދިން ހަމަލާތަކުގައި 253 މީހުން މަރުވެ، 500 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި އެހަމަލާތަކާ ގުޅިގެން އެގައުމުން ވަނީ މިހާތަނަށް 150އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.