މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް 22 ވަނަ ޤައުމީ ކެރަމް މުބާރާތް ފަސްކޮށްފި އެވެ. މި މުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.


ކެރަމް އެސޯސިއޭޝަނުން ބުނީ، ޤައުމީ ކެރަމް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެންނަން ޖެހުނީ، މުބާރާތް ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ ދުވަސްވަރަކީ ސާކް ސަމިޓްގެ ތައްޔާރީތަކުގައި ގިނަ ބަޔަކު ޝާމިލުވެފައިވާ ދުވަސްވަރަކަށް ވުމުން މުބާރާތް ކުޅެން ބޭނުން ވަރަށް ގިނަ ފަރާތްތަކަކަށް ފުރުޞަތު ގެއްލޭނެތީއެވެ. އަދި ސްކޫލުތަކުގެ ޓެސްޓާއި މި ދުވަސްވަރު ދިމާވުމުގެ އިތުރުން، ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހަށް މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަވަ ވަނަ އައި.ސީ.އެފް ކެރަމް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުގެ ތައްޔާރީތަކަށް ވެސް ވަގުތު ދޭންޖެހިފައިވާތީއެވެ.


ދެ ޑިވިޝަނަކަށް ބާހާލައިގެން ބޭއްވޭ 22 ވަނަ ޤައުމީ ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުޟަތު ވަނީ ކެރަމް ކުޅުމަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް ހުޅުވާލެވިފައެވެ. މުބާރާތުގައި ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސްގެ އިތުރުން ޓީމް އިވެންޓު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.