ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި މިވަގުތު އަށް ދިވެއްސަކު އެބަތިބި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އެ އަށް މީހުންގެ ތެރެއިން ރިމާންޑުގައި ތިބީ ފަސް މީހެއް ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުން ތިބީ ޑިޓެންޝަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ލަންކާގައި ހައްޔަރުކޮށްފައި ތިބި ދިވެހިންގެ ތެރެއިން ޝަރީއަތަށް ހާޒިރު ކުރާ މީހުންގެ ޝަރީއަތުގެ މަޖިލީހަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ މުވައްޒަފުން ދާ ކަމަށާއި އެފަރާތްތަކަށް ފޯރުކޮށްދެން ޖެހޭ އެހީތެރިކަން އެމްބަސީ އިން ދެމުންދާ ކަމަށެވެ.

އީސްޓާ ސަންޑޭ އާ ގުޅުވައިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ޓެރަރިސްތު ހަމަލާތަކަށް ފަހު އެގައުމުގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި 13 ދިވެއްސަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ގަވައިދާ ހިލާފަށް ރައިފަލެއް ގެންގުޅުނު ހަތަރު ކިޔަވާކުދިން ވެސް ހިމެނެ އެވެ. އެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

މީގެ އިތުރުން ލަންކާގައި ދިވެހިން އުޅޭ ގެޔަކުން އައިއެސްގެ މައުލޫމާތު ހިމެނޭ ފޮތެއް ފެނިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު އެމީހުންގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފަ އެވެ. އެ ފޮތަކީ އާންމުކޮށް ބުކްޝޮޕްތަކުން ލިބެން ހުންނަ ފޮތެއްކަމަށްވެ އެވެ. ހައްޔަރު ކުރި ދެ މީހުންނާ އެ ފޮތާ ގުޅުމެއް ނެތް ކަމާއި އެ ފޮތަކީ ލަންކާގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދިވެހި ދަރިވަރަކު ގެންގުޅުނު ފޮތެއްކަން ވަނީ އެނގިފަ އެވެ.

ލަންކާގައި ދިން ހަމަލާތަކަށް ފަހު އެގައުމުގެ މަސްރަހު ގޯސްވެފައިވާ އިރު ލަންކާގައި އުޅޭ ދިވެހިންގެ ތެރެއިން ބައެއް މީހުން ދަނީ ރާއްޖެ އަންނަމުންނެވެ. ލަންކާގައި އުޅޭ ދިވެހިން އެގައުމުގެ ގާނޫނުތަކާއި ގަވައިދުތަކަށް ކިޔަމަންވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީ އިން ވެސް އިލްތިމާސް ކުރެއެވެ. ހާއްސަކޮށް ވިސާގެ ކަންތަކުގައި ފަރުވާކުޑަ ނުކުރުމަށް އެ މުވައްސަސާތަކުން އެދެ އެވެ.