ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމް ބަލިކުރުމަށް ފަހު އަޔެކްސްއިން ފައިނަލުގެ އުންމީދު ބޮޑުކޮށްފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އަޔެކްސް ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ހޮލެންޑުގައި ކުޅޭ މެޗުން އަޔެކްސްއަށް އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ޓޮޓެންހަމްއަށް ފައިނަލުގެ ފުރުސަތެއް ދެން ލިބޭނީ ރަށުން ބޭރުގައިު ކުޅޭ މެޗުން ދެ ގޯލުގެ ތަފާތުން މޮޅުވެގެންނެވެ.

އަޔެކްސްއާއި ޓޮޓެންހަމް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އަޔެކްސް --- ފޮޓޯ/ ލިއަމް ބްލެކްބާން

މީގެ އަހަރުތަކެއް ކުރިން ޔޫރަޕުގެ އެންމެ ގަދަ އެއް ބާރުގެ ގޮތުގައި ފާހަގަވި އަޔެކްސްއިން، ފަހުގެ ތާރީހުގައި ޔޫރަޕުގެ ބޮޑެތި މުބާރާތްތަކުން ފެނުނީ ވަރަށް ފަނޑުކޮށެވެ. ނަމަވެސް 23 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމާ ގާތަށް އެ ޓީމު ދަތުރުކުރަމުން އަންނަ އިރު ޓީމުގެ ކުޅުންތެރިން ތިބީ ޖޯޝާ ފޯރީގަ އެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗު ފެށިގެން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔައީ ވެސް އަޔެކްސްއިންނެވެ. ފުރަތަމަ 20 ވަރަކަށް މިނަޓުގެ ތެރޭގައި އަޔެކްސްއިން އުފައްދަމުން ދިޔަ ގިނަ ހަމަލާތަކާ އެކު ޓޮޓެންހަމްގެ ޑިފެންސް އެއްކޮށް ރޫޅުނު އިރު އަޔެކްސްއިން ވަނީ އެކަމުގެ ފައިދާ ނަގައި ގޯލެއް ޖަހައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ވެން ޑެ ބީކް އެވެ.

އަޔެކްސްގެ ގޯލަށް ފަހު ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އެވެ. ނަމަވެސް އަޔެކްސްގެ ޑިފެންޑަރުންނާއި ކީޕަރުގެ ހުށިޔާރުކަމުން ޓޮޓެންހަމްގެ ހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލާފަ އެވެ

ޓޮޓެންހަމްގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ހެރީ ކޭންއާއި ސޮން ހެންގް މިން ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ. މީގެ މަހެއްހާ ދުވަސް ކުރިން ފަޔަށް ލިބުނު އަނިޔާއަކާ އެކު ކޭން ފަރުވާ ހޯދަމުން އަންނަ އިރު ސޮން ހުރީ ދެ މެޗުގައި ލިބުނު ރީންދޫ ކާޑާ އެކު ސަސްޕެންޝަނުގަ އެވެ. ނަމަވެސް ދެވަނަ ލެގުގައި ކުޅުމުގެ ފުރުސަތު ސޮންއަށް އޮންނާނެ އެވެ.

އެ މެޗުގެ އިތުރުން މިރޭ ވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފޯރިގަދަ މެޗެއް ކުޅެވިގެންދާނެ އެވެ. ސްޕެއިންގެ ޗެމްޕިއަނުން ބާސެލޯނާއާއި ލިވަޕޫލް މިރޭ ބައްދަލު ކުރާ އިރު އެ މެޗު ބެލުމަށް ގިނަ ބަޔަކު އަންނަނީ ފޯރިއާ އެކު ތައްޔާރުވަމުންނެވެ.