01 May 2019, 11:16
ފަރެސްމާތޮޑާ އެއާޕޯޓު އަޅަން ހިއްކާ ފަސް ރަށުން އެނބޫދޫ ފަޅަށް ރުއްގަސް ގެންދަން އެންޔަވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ދީފި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓު އަޅަނީ އެ ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ފަޅު ރަށްތަކެއް ކަމަށްވާ ކަނޑައްދުވާ، ހަންޑައިދުވާ، ދޫނިރެހާ، ކާޅެހުއްޓާ، އަދި މާރެހާ ގުޅުވާލައިގެންނެވެ. އެ ރަށްތައް ގުޅުވާލާނީ އެ ފަސް ރަށުގެ މެދުގައިވާ ފަޅުގެ ސަރަހައްދު ހިއްކައިގެން އެވެ.
ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް ނަސްރުﷲ މުހައްމަދު "ސަން"އަށް ވިދާޅުވި ގޮތުގައި މިހާރު އެ ރަށްތަކުން ރުއްގަސް ނަގައި ބިން ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށްރަށުން ނަގާ ރުއްގަސް ގެންދަނީ ކ. އަތޮޅު އެނބޫދޫ ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓަކަށެވެ.
އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ، އެ ފަސް ރަށުން ވެސް ރުއްގަސް ނަގައިގެން ގެންދަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ.
މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ސާފު ކުރުމުގެ ތެރޭގައި ނަގާ ރުއްގަސް، ފަޅުތައް ހިއްކައިގެން ހަދާ ރިސޯޓުތައް ފެހި ކުރަން ގެންދިޔުމަކީ އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. އެކަން ކުރަނީ ހުއްދަ ދީގެން ނަމަވެސް، އެގޮތަށް ނަގާ ރުއްގަސް ފަޅު ހިއްކައިގެން ހަދާ ރިސޯޓުތަކަށް ގެންދިޔުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްތަކަށް ގެންދިޔުމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރެއެވެ.
މީގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުން ރުއްގަސް ނަގައިގެން ގެންދިޔަ މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ތޮއްޑޫ އަދި ކާށިދޫއިން ރުއްގަސް ކެނޑި މައްސަލަ ފާހަގަކޮށްލެވެއެވެ.
ދާދި ފަހުން އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ ރުއްގަސް ނެގުމާއި ކެނޑުމުގެ އާ ގަވައިދެއް އެކުލަވާލާފައެވެ. އެ ގަވައިދުން ރުއްގަސް ނެގޭނެ ގޮތްތައް ހަނި ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރެއެވެ. އަދި އެ ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލި މުއްދަތުގައި ރުއްގަސް ނެގޭނެ ގޮތްތައް ހަނި ކުރަން ބައެއް އާންމުން ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.