01 May 2019, 10:44
ޓޯކިޔޯ (މޭ 1): ޖަޕާންގެ ކުރީގެ އެމްޕެރާ އަކިހިޓޯގެ ދޮށީ ދަރިކަލުން، ނަރުހިޓޯގެ ރަސްކަމުގެ ދައުރު މިއަދު ފަށައިފި އެވެ.
އެމްޕެރާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ނަރުހިޓޯ ދެއްވި ތަގުރީރެއްގައި ވަނީ "ޖަޕާނުގެ ކުރިއެރުމަށާއި ގައުމުގެ ރައްޔިތުންގެ އުފާވެރިކަމަށާއި ދުނިޔޭގެ ސުލްހައަށް" އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެ އެމްޕެރާގެ މަގާމުން އިސްތިއުފާ ދެއްވި އަކިހިޓޯގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމްޕެރާ އަކިހިޓޯ އަކީ ފާއިތުވި 202 އަހަރު ތެރޭ އަމިއްލަފުޅަށް ތަހުތުން ފައިބަވަޑައިގެންނެވި ޖަޕާނުގެ ފުރަތަމަ އެމްޕެރާ އެވެ. މީގެ ކުރިން އެގައުމުގެ ގާނޫނުތަކުގައި އޮންނަ ގޮތުން އެމްޕެރާގެ މަގާމަކީ އުމުރު ދުވަހަށް އަދާ ކުރަން ޖެހޭ ޒިންމާއެކެވެ.

ޖަޕާނުގެ އާ އެމްޕެރަރ ނަރުހީޓޯ، އެމަނިކުފާނުގެ އަނބިކަނބަލުން އެމްޕްރެސް މަސާކޯ (ވ)އާއި ދަރިކަނބަލުން ޕްރިންސެސް އައިކޯ އާއެކު -- ފޮޓޯ/ ޖަޕާން އެމްބަސީ
ނަމަވެސް އުމުރުފުޅުން 85 އަހަރުގެ އަކިހިޓޯ ވަނީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔާތުތައް މުސްތަގުބަލުގައި އަދާ ނުކުރެއްވިދާނެ ކަމުގެ ކަންބޮޑުވުން 2016 ވަނަ އަހަރު ފާޅުކުރައްވާފަ އެވެ. އޭގެ ސަބަބުން ޖެހިގެން އައި އަހަރު އެގައުމުން ވަނީ އެމްޕެރާއަށް އިސްތިއުފާ ދެއްވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.
އުމުރުފުޅުން 59 އަހަރުގެ ނަރުހިޓޯ ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން ތައުލީމު ހާސިލު ކުރައްވާފަ އެވެ. އަދި އެމްޕްރެސް މަސާކޯ އޮވަޑާއާ ކައިވެނި ބައްލަވައިގެންނެވީ 1993 ވަނަ އަހަރުއެވެ. ދެހާސްއެއްވަނަ އަހަރު އެދެބޭފުޅުންނަށް ވަނީ ދަރިކަނބަލަކު ލިބިވަޑައިގެންފަ އެވެ.
ޖަޕާނުގެ ގާނޫނުއަސާސީގައިވާ ގޮތުން އަންހެން ބޭފުޅަކަށް ތަހުތު ވާރުތައެއް ނުވާނެ އެވެ. އެހެންކަމުން ދެން ވަލީއަހުދަށް ވެވަޑައިގަންނަވާނީ ނަރުހިޓޯގެ ކޮއްކޯފުޅު ޕްރިންސް ފުމިހިޓޯ އެވެ.