01 May 2019, 10:37
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކަނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ނުވަތަ "މުސާރައާ ކުޑަ އުޖޫރަ އާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ރައީސް ސޯލިހް އެކުލަވާލައްވައިފި އެވެ.
މިނިމަމް ވޭޖް ބޯޑު އެކުލަލަވާލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ޑިސެމްބަރު މަސް ތެރޭ ރައީސް ސޯލިހުގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދު ފާހަގަ ކުރަމުންދާ މަސައްކަތްތެރެއިންގެ ދުވަހުގެ މުނާސަބަތުގައި ރައިސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ، މި ދުވަހާ ދިމާކޮށް މިނިމަމް ވޭޖް ބޯޑު އެކުލަވާލުމަކީ އެމަނިކުފާނަށް "ލިބުނު ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.
މިނިމަމް ވޭޖް ބޯޑާ ގުޅޭގޮތުން ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯޑު އެކުލަވާލައިފައިވަނީ ވަރަށް ބޮޑަށް ދިރާސާތަކެއް ކުރުމަށްފަހު ކަމަށާއި ބޯޑުން އިންސާފުވެރި ނަތީޖާ އެއް ނެރޭނެ ކަމުގެ ޔަގީން ކަން އޭނާ އަށް އެބައޮތް ކަަމަށެވެ.
މިނިމަމް ވޭޖް ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން:
މަރިޔަމް ހާލިދާ / ގ. ސިލްވަރުގެ - ޗެއާމަން
- އިބްރާހިމް ނޫރައްދީން / މއ. މާންދޫ
- މުހައްމަދު އަލީ ޖަނާހް / ހ. ސީސްސައިޑް
- އަލީ އާދަމް / ޗާންދަނީގެ، ހއ. ހޯރަފުށި
- މަައުރޫފް ޛާކިރު / ދާއިރާ، ބ. ކެންދޫ
މިނިމަމް ވޭޖް ބޯޑަކީ ކޮބާ؟
މިނިމަމްވޭޖް ބޯޑަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ލާޒިމް ކުރާ ބޯޑެކެވެ. އެ ގާނޫނުގައި ބުނެފައިވަނީ، އެކިއެކި ވިޔަފާރިކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނު ގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އެކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންވާނެ ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާ ކުރުމަށްފަހު، ވަކި މަސައްކަތަކާ ގުޅޭގޮތުން ދޭވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ ގޮތުން، ނުވަތަ ބަދަލު ކުރުމުގެ ގޮތުން ނުވަތަ ބާތިލު ކުރުމުގެގޮތުން، އެކޮނޮމިކް މިނިސްޓަރަށް އަމުރު ނެރުނުމުގެ ބާރު އޮވެ އެވެ.
އެއަމުރުގެ ދަށުން މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެ ކަމަށް ގަނޫނުގައި ވަނީ ބުނެފަ އެވެ.
މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މަދު ވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަންވާނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.
އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.