30 Apr 2019, 23:27
އާއިލާއަށް ފިލައިގެން އުޅުނު ދެ ކުއްޖަކު ރަށެއްގައި ފޮރުވައިގެން އުޅެނިކޮށް ހޯދައި ކުދިން ފޮރުވި މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އެޖެންސީއަށް ބަޔަކު މައްސަލަ ހުށަހެޅީ އާއިލާއަށް ފިލައިގެން އުޅޭ ދެ ކުއްޖަކު ފޮރުވައިގެން މީހަކު އުޅޭ ކަމަށް ބުނެ އެވެ. ފުލުހުން ބުނީ އެ ދެ ކުދިންގެ މައްސަލާގައި ރޭ އެ ދެ ކުދިން ފޮރުވައިގެން އުޅުނު ގެއަށް ވަދެ ކުދިން ހޯދާފައިވާ ކަމަށެވެ.
އަދި އެމައްސަލާގައި އުމުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލާގައި ހައްޔަރުކުރި މީހާގެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅަކާއި ކުޑަ ޕެކެޓެއް ފެނިފައިވޭ." ފުލުހުން ބުންޏެވެ.
ފޮރުވައިގެން އުޅުނު ދެކުދިން އާއިލާއާ ހަވާލުކުރެވެން ދެން ރައްކާތެރި މާހައުލެއްގައި ބައިތިއްބާފައި ތިބި ކަމަށް ފުލުހުން ބުންޏެވެ.