ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް މާދަމާ ހިނގާލުމެއް ބާއްވަން ނިންމާފަ އެވެ.

ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އާ މަސައްކަތްތެރިންގެ ޖަމިއްޔާތައް ގުޅިގެން މާދަމާ ހަތަރެއް ޖަހާއިރު ހިނގާލުން ބާއްވަން ވަނީ ނިންމާފަ އެވެ. ޓުއަރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މައުރޫފު ޒާކިރު 'ސަން' އަށް ވިދާޅުވީ މާދަމާ ބާއްވާ ހިނގާލުމަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ހާމަ ކުރުމަށް ހިންގާ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އެދެން ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކާއި އެހެންވެސް ހުރިހާ މަސައްކަތްތެރިން މި ހިނގާލުމުގައި ބައިވެރިވެ އެބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް." މައުރޫފު ވިދާޅުވި އެވެ.

މާދަމާ ހިނގާލުން ފަށަން ނިންމާފައިވަނީ ރަސްފަންނުންނެވެ. ނިންމަނީ އާޓިފިޝަލް ބީޗަށެވެ. ހިނގާލުން ކުރިއަށް ދާނީ މަޖީދީ މަގުން ކަމަށް މައުރޫފު ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާލުމާ މުޒާހަރާ ކުރުމާއެކު ފާހަގަކުރާ ދުވަހެވެ.