ވައިޓް ހައުސް (އެޕްރީލް 30) : އަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމުގެ މަސައްކަތް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާކަން ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ސާރާ ސެންޑާސް ވިދާޅުވީ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމާބެހޭގޮތުން ޓްރަމްޕް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންއާއި ގައުމީ ސަލާމަތާބެހޭ ޓީމުގެ މެންބަރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ.

އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ހަތިޔާރުއެޅި އެޅި ހަނގުރާމަވެރި ޖަމާއަތެއްނޫނެވެ. އެއީ 1928 ވަނަ އަހަރުގެ މާޗް 22 ގައި މިސްރުގެ ދީނީ އިލްމުވެރިއެއްކަމަށްވާ ހަސަން އަލްބައްނާ ގާހިރާގައި އުފެއްދެވި ސުލްހަވެރި ސިޔާސީ ޖަމާއަތެކެވެ. އެޖަމާއަތުގެ ފިކުރު ފުރަތަމަ ފެތުރުނީ މިސްރުގައި ކަމަށްވިޔަސް އަރަބި ގިނަ ގައުމުތަކުގައި އިސްލާމީ ފިކުރުގެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މިޖަމާއަތް ހަރަކާތްތެރިވެއެވެ. ނަމަވެސް ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި އަލްޖަޒާއިރު ފަދަ މަދު އަރަބި ގައުމުތަކުގައި ސިޔާސީ ސަބަބުތަކަށްޓަކައި މިޖަމާއަތް މަނާކޮށްފައިވެއެވެ.

ހަސަން އަލްބައްނާ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމަށްފަހު އިޚްވާން ޖަމާއަތުން މިސްރުގައި ދެއަހަރަށްވުރެވެސް ކުރު މުއްދަތެއްގައި ވެރިކަންކުރިއެވެ. އޭރު ޑިމޮކްރެޓިކް ގޮތުން މިސްރުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެން ކުޑަދުވަސްކޮޅަކު މިސްރުގައި ވެރިކަން ކުރެއްވި ޑރ. މުހައްމަދު މުރްސީ އަކީ އިޚްވާން ޖަމާއަތަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް މުރްސީގެ ވެރިކަމުގައި މިސްރުގެ ދިފާއީ ވަޒީރަކަށް އައްޔަން ކުރެއްވި ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ، 2013 ވަނަ އަހަރު އަސްކަރީ އިންގިލާބެއް ގެންނަވައި މުރްސީގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށްފަހު މިސްރުގައި އިޚްވާން ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްކަމަށް ނިންމައި އެޖަމާއަތް މަނާކުރިއެވެ.

ނަމަވެސް ސޫދާން އަދި އުރުދުން، ލީބިޔާ، ފަލަސްތީން، ތޫނިސް، މޮރިޓޭނިޔާ، އަދި މަޣްރިބްގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި (އެކި ނަންނަމުގައި) އިޚްވާން ޖަމާއަތް މިހާރުވެސް ހަރަކާތްތެރިވަމުންދެއެވެ. ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަކީވެސް އިޚްވާން ފިކުރުގެ ޕާޓީއެކެވެ. އަދި އިންޑޮނީޝިޔާ، މެލޭޝިޔާ ފަދަ ގައުމުތަކުގައިވެސް އިޚްވާން ފިކުރުގެ އިސްލާމީ ޕާޓީތައް ސިޔާސީ ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވަމުން ދެއެވެ.

އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގަތީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ކަމަށާ މިސްރުގެ އިތުރުން ސައޫދީއާއި ޔޫއޭއީ ގެ މަސްއޫލުވެރިންވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން މިކަމަށް އެދިވަޑައިގެންފައިވާ ކަމަށް ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.

އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާ ވަރަށް އަވަހަށް ނިންމާނެކަމަށް ބެލެވިފައިވާއިރު އެފަދަ ހާލަތެއްގައި އެ ޖަމާއަތުގެ މެންބަރުންނާ ދެކޮޅަށް އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޓެރަރިސްޓުން ގޮތަށް އެޖަމާއަތަށް ނިސްބަތްވާ ފަރާތްތަކާމެދު އެމެރިކާ އަމަލުކުރާނެ ކަމަށް ވައިޓް ހައުސްގެ ތަރްޖަމާން ސާރާ ސެންޑާސް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)