ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ދަށުން ހިންގަމުން އަންނަ ކޫއްޑޫގެ ވަޒީފާތައް ވަކި ބަޔަކަށް ދޭން އޫޅޭ ކަމުގެ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

މިފްކޯގެ މަގާމުތަކަށް ޝަރުތުތައް ދަށްކޮށްފައި އިއުލާން ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފްކޯގެ ވަޒީފާތައް ވަކި ބަޔަކަށް ދޭން އުޅޭ ކަމުގެ ކޮރަޕްޝަންގެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު، އަމިއްލަ ފަރާތަކުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައެވެ.

އޭސީސީގެ ނައިބު ރައީސް މުއައްޒު ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ، އެފަދަ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ރަޖިސްޓްރީކޮށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމަމުންދާ ކަމަށެވެ.

"މިހާރު އެމައްސަލަ އޮތީ އިނިޝައަލް ސްޓޭޖްގައި. ވަރަށް އަވަހަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާނަން،" މުއައްވިޒު ވިދާޅުވިއެވެ.

އެއީ ކިތައް ވަޒީފާތޯ ސުވާލުކުރުމުން މުއައްވިޒު ވިދާޅުވީ، މައްސަލަ ހުށަހަޅާފައިވަނީ "ޖެނެރަލް" ކޮށް ކަމަށާއި ވަކި އަދަދެއް ދަންނަވާކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު، އިސްމާއިލް ފައުޒީ މިއަދު "ސަން" އަށް ވިދާޅުވީ، އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށާއި އެފަދަ މައްސަލަ އެއް އުޅޭ ނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.

"މައްސަލައެއް އުޅޭނަމަ އަޅުގަނޑުމެން ބަލާނަން. ކުންފުނިން މަގާމުތަކަށް މީހުން ނަގާއިރު، އިއުލާންކޮށް އިންޓަވިއު ނެގުމަށްފަހު، މަގާމްތަކަށް މީހުން ނަގާނީ،" އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

ކޫއްޑުއަށް މެނޭޖަރަކު ހޯދުމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު މިފްކޯ އިން އިއުލާން ކުރި އިރު މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ ފަރާތުން އެއްބަސްވާ މުސާރައެކެވެ. އަދި ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ލިޔަން، ކިޔަން ދަތުމާއި މަގާމުގެ މަސްއޫލިއްޔަތު އާދާކުރުމުގެ ހުނަރު / ގާބިލުކަން ސާބިތުކޮށްދިނުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށް ވުމެއެވެ.

ނަމަވެސް އެ އިއުލާން (HR134/I/2019/04) ބާތިލް ކޮށް، މިމަހުގެ 11 ވަނަ ދަވަހު މަގާމުގެ ނަން ބަދަލުކޮށް ހިއުމަން ރިސޯސަސް އެން އެޑްމިނިސްޓްރޭޝަން މެނޭޖަރަކު ހޯދުމަށް އަލުން އެކުންފުނިންއިއުލާންކުރިއެވެ. މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައި ވަނީ، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓު ލެވެލް ކޯހެއް ހާސިލްކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ކަމަށެވެ. މުސާރައިގެ ގޮތުގައި ހަމަޖައްސާފައިވަނީ، 9،000 ރުފިޔާ އާއި 10،750 ރުފިޔާ ދެމެދުގެ މުސާރައެކެވެ.

އިސްމާއިލް ފައުޒީ ވިދާޅުވީ، ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އެއްވެސް މަގާމެއް އެކުންފުނިން ނުދޭނެ ކަމަށާއި ވަޒީފާ ލިބޭނީ "ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އިންޓަވިއުކޮށް އެންމެ ރަނގަޅު މީހަކަށް" ކަމަށެވެ.

"ގިނަ މީހުންނަށް ކުރިމަތި ލުމުގެ ފުރުސަތު ދިނުމުގެ ގޮތުން،" އެހާ ބޮޑެތި މަގާމުތަކަށް އެހާ ދަށްކޮށް ޝަރުތުތައް ކަނޑައަޅާފައިވަނީ ކީވެއްގެންތޯ ސުވާލުކުރުމުން އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

"އެކަމުގައި މައްސަލައެއް އުޅޭނަމަ އަޅުގަނޑުމެން ބަލާނަން. ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް އަޅުގަނޑުމެން ކުރިއަށް ދާނީ،"

ބައެއް ފަރާތަތަކުން ބުނާ ގޮތުގައި ޝަރުތުތައް ދަށްކޮށް ކޫއްޑޫ އިން އިއުލާން ކުރި މަގާމުތަކަކީ، ސިޔާސީ މަގާމުތަކެކެވެ. އެކަމާ ގުޅިގެން ފައުޒީ ވިދާޅުވީ، އެއީ ސިޔާސީ މަގާމެއް ނޫން ކަމަށާއި "ކުންފުނީގައި ސިޔާސީ މަގާމެއް ނޯންނާނެ" ކަމަށެވެ.