30 Apr 2019, 16:54
ކުރިއަށް އޮތް ރަމަޟާން މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނީ ހެނދުނު ނުވަޔަކުން މެންދުރު 12 އަށް ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ބެންކުގެ ހުރިހާ ބްރާންޗެއް ވެސް ބަންދުވާނެ ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރުތަކުން ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ހޯދޭނެ ކަމަށް ބޭންކުން ބުންޏެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނީ ރޯދަ މަހު އެ ބެންކު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށާއި ހިދުމަތް ދޭނީ 9:30 އިން 12:00 އަށް ކަމަށެވެ.
ރޯދަމަހު މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. ރޯދަމަހު އެމްއެމްއޭ އިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތްދޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށާއި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު ހެނދުނު 09:30 އިން މެންދުރު11:00އަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބެންކުން ރޯދަމަހު ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.
ކަލަންޑަރު ގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މެއި ހަ ވަނަ ދުވަހެވެ.