20 Oct 2011, 14:20
އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި 25 ޑޮލަރާއި އިންޝުއަރެންސްގެ ގޮތުގައި ދެ ޑޮލަރު ޖީއެމް އާރުން ނަގަން ނިންމީ މައްސަލައިގައި އިމާދު ސޯލިހު ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތަށް ދައުލަތުގެ ވަކީލު ހާޒިރުވެވަޑައި ނުގެންނެވުމުން ޝަރީއަތް ހިންގޭ ގޮތެއް ނުވި އެވެ.
ޖީއެމްއާރުން އަންނަ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ނަގަން ނިންމާފައިވާ 25 ޑޮލަރާއި އިންޝުއަރެންސްގެ ގޮތުގައި ނަގަން ނިންމާފައިވާ ދެ ޑޮލަރަކީ ގާނޫނު އަސާސީއާއި ޚިލާފަށް ނަގަން ނިންމާފައިވާ ފައިސާއެއްކަމަށް ކަނޑައަޅައި ދިނުމަށް އިމާދު ސޯލިހު ކުރާ ދައުވާގެ ޝަރީއަތް ސވިލް ކޯޓުން ތާވަލު ކޮށްފައި އޮތީ މިއަދު 11:00 އަށެވެ. ނަމަވެސް އެ ގަޑިއަށް ކޯޓަށް ހާޒިރުވެ ވަޑައިގަތީ އިމާދާއި އޭނާގެ ވަކީލު އެކަންޏެވެ.
ކޯޓުން މިއަދު ބުނީ ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުގެ ވަކީލު ކޯޓަށް ހާޒިރުވެޑައި ނުގަތުމުން ޝަރީއަތުގެ އަޑުއެހުން ކެންސަލު ކުރެއްވީ ކަމަށެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ވުމުން ނޫސްވެރިންނަށް އިމާދު ވަނީ ނުސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. ވިދާޅުވީ ދައުލަތުން ކޯޓަށް ހާޒިރުވާންޖެހޭނެ ކަމުގެ އަމުރު މަސް ދުވަސް ކުރިން ސިވިލް ކޯޓުން އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ އޮފީހުގައި އެތަކެއް ވަކީލުން ތިއްބަވާއިރު ކޯޓަށް ވަޑައި ނުގެންނެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ދިގުދަންމައިލުމަށް ގަސްދުގައި ދައުލަތުން ރާވައިގެން ވަޑައި ނުގެންނެވީ ކަމަށެވެ.
" އެޓާނީ ޖެނެރަލްގެ އޮފީހުގައި ތިއްބަވަނީ ދެތިން ވަކީލެއްނޫނޭ. އެހެންވީމަ މިއީ މައްސަލަ ދިގުދަންމާލުމަށް ގަސްދުގައި ދައުލަތުން ރާވައިގެން ކުރާކަމެއް" އިމާދު ވިދާޅުވިއެވެ.
މި މައްސަލައިގެ ކުރީގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ އެ ފައިސާއަކީ ދައުލަތުން ނަގަން ނިންމަވާފައިވާ ފައިސާއަކަށް ނުވާތީ އެއީ ގާނޫއަސާސީއާއި ޚިލާފަށް ނެގުމަށް ނިންމާފައިވާ ފައިސާއެއްކަމަށް ބެލެވެން ނެތް ކަމަށެވެ.